ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫޢު ފަށާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ފީއަލި ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ފ. ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ ފީއަލި ކައުންސިލާއެކު މިއަދުގެ މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ، ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިގޮތުން، ކައުންސިލުން ވަނީ ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއުއާއި، ސިއްޙީ މަރުކަޒުގެ މަޝްރޫއު އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފ. ފީއަލީ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ވެސް ރަށު ސުކޫލަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާކަމަށާއި، ސުކޫލުގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާ، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.

އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ އައިސް ޖެޓީއެއް ޤާއިމްކުރުމުގެ މުހިންމުކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލަރުން ފާހަގަ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ހިމެނެއެވެ.

މި ބައްދަލު ކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

ފީއަލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން -- ފޮޓޯ/ ރައީސް އޮފީސް

ފީއަލި ކައުންސިލާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްކުރިޔަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ރަށްރަށް ތަރައްޤީ ކުރުމުގައި ސަރުކާރަށް ލިބިގެން އަންނަ އިތުރު ފަސޭހައެއްކަމުގައި ވިދާޅުވެފައެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ބިންހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް