ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވީސްގެ ފަރާތުން ކުރިޔަށްގެންދާ ކޮމުޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމް އެމްޑަބްލިޔުއެސްސީން ސްޕޮންސަ ކޮށްދީފިއެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސާވީސްގައި ބޭއްވި ހަފްލާގައި އެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މިއަހަރުގެ ޕްރޮގްރާމްއެތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން" ޝިއާރުގެ ދަށުންނެވެ. ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދޭނީ ހުރިހާ އުމުރުފުރަޔަކަށް ގުޅޭގޮތުންނެވެ.
އެގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ޚާއްސަކޮށްގެންނެވެ.
އެ ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދެވޭނެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށްގެންދާ ތަމްރީންތަކާއި ޑޮމެސްޓިކް ހައުސް ވަޔަރިންނާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަށް ދަސްކޮށްދެވޭނެއެވެ.
މީގެއިތުރުން ދިރިއުޅުމުގެ ރީތި އަދަބުތަކާއި ލީޑާޝިޕްގެ ބައިތަކާ އަދި ރެޕަލިންގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ.
އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މުޖުތަމައުގެ ކުރި އެރުމާއި ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.