ތިން ރަށަކަށް އައްޔަނު ކުރާނެ މެޖިސްޓްރޭޓުން ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން: ތިން ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަނުކުރުމަށް ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މެޖިސްޓްރޭޓުން ހޯދަން އިއުލާނުކުރި 10 ރަށުގެ ތެރެއިން ތިން ރަށަކަށް އައްޔަނު ކުރާނެ މެޖިސްޓްރޭޓުން ފައިނަލްކޮށްފިއެވެ.

މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފައި ވަނީ, ގދ. ފަރެސްމާތޮޑާ، ފ. ފީއަލި، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމް, ހއ. ދިއްދޫ އަދި ދ. ކުޑަހުވަދޫގެ އިތުރުން ގދ. ތިނަދޫ ކޯޓަށެވެ.

ޖޭއެސްސީން މިއަދު ބުނީ 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެމަގާމުތަކަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން، ގާބިލު ފަރާތްތައް ހޮވުމަށްޓަކައި، ޝަރުތު ހަމަވެ ޝޯޓްލިސްޓް ކޮށްފައިވާ ފަރާތްތަކާ އިންޓަވިއު ކޮށްފައިވާ ކަމަށެވެ.

"ފަނޑިޔާރުން އައްޔަން ކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ ތިން ކެނޑިޑޭޓުން، ތިން މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ނިންމައިފި," ޖޭއެސްސީން ވަނީ ބުނެފައެވެ.

މެޖިސްޓްރޭޓުން އައްޔަނު ކުރި ކޯޓުތައް:

  1. ތ. ގުރައިދޫ ކޯޓަށް: އެ ރަށު ކުރި, އާއިޝަތު އިބްރާހިމް
  2. ގދ. ތިނަދޫ ކޯޓަށް: އެ ރަށު ކޯރަލް, ނަޝާޠަތު ޒައީމާ
  3. ހދ. ނޮޅިވަރަމް ކޯޓަށް: އެ ރަށު ހިޔާ, ލިއުޝާދު ޢަބްދުއްސައްތާރު

އެގޮތުން ގުރައިދޫ ކޯޓަށް އައްޔަނުކުރަން ނިންމި އާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީއަތާއި ހާނޫނުން ބެޗްލާސް ޑިގްރީ ވިތު އޮނާސް އަދި ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. އަދި އޭނާ ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހަތަރު އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައި ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.

ތިނަދޫ ކޯޓަށް އައްޔަނު ކުރަން ނިންމި ނަޝާޠަތު ޒައީމާއަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރައްވައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރު އަދި ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުގައި ހަ އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ނޮޅިވަރަމް ކޯޓަށް އައްޔަނުކުރަން ނިންމި ލިއުޝާދު ޢަބްދުއްސައްތާރު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާމެއްފައި ދެ އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހެވެ.

comment ކޮމެންޓް