އަނދައިގެން ދިޔައީ ރިޓަޔާވުމަށްފަހު އާދަމް ކުރަމުންދިޔަ މަސައްކަތް

ރޯވި، މާއުނގޫދޫ ފިތުރޯނުގޭ ކަރަންޓު ސާމާނުލާ ބައި --

ބުދަ ދުވަހުގެ މެންދުރު ށ. މާއުނގޫދޫ ފިތުރޯނުގޭ ބައެއްގައި އަލިފާން ރޯވެ، އެތަނުގައި ހުރި މުދާތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

ފަސް މީހުން ދިރިއުޅޭ އެގޭގެ އަލިފާން ރޯވީ، އެގޭގައި އުޅޭ، އިލެކްޓްރިކް މަސައްކަތް ކުރާ އާދަމް އިސްމާއީލް ގެންގުޅޭ ތަކެތި ބަހައްޓާ ގުދަނެއްގައެވެ. އެހެންކަމުން މީހުން ދިރިއުޅޭ ބަޔަށް އަދި އެއްވެސް މީހަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ.

ލިބުނު ގެއްލުމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެމުން އާދަމް އިސްމާއީލް ބުނީ، އަލިފާން ރޯވީ ކޮން ގޮތަކުން ކަން ނޭނގޭ ކަމަށެވެ. އެއީ މީހެއް ކުރި ކަމެއްކަން ނުބެލެވޭ ކަމަށާއި ކަރަންޓު ސޯޓެއް ފަދަ ކަމެއް ވެގެން އަލިފާން ރޯވީކަމަށް ލަފާކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"މުޅިން ހަމަ އެއްކޮށް ސާމާނުތައް މިއޮތީ އަނދާ ހުލިވެފަ،" އާދަމް ބުންޏެވެ.

ރޯވި، މާއުނގޫދޫ ފިތުރޯނުގޭ ކަރަންޓު ސާމާނުލާ ބައި --

"އަޅުގަނޑަކީ މީހުންނަށް އެއްޗެހި ހަދައިދީ، މަރާމާތު ކޮށްދީ، ވެލްޑިން ކޮށްދީ، އެކަހަލަ ބައިވަރު މަސައްކަތް ކުރާ މީހެއް. އެތާ ހުންނާނެ މީހުން ހަދަން ދީފަ ހުރި އެއްޗެއްސާ، އާ އެއްޗެއްސާ، އަލަށް ގެނެއްފަ ހުރި އެއްޗެއްސާ، ބައިވަރު ސާމާނު،" ތަނުގެ ހާލަތު ކިޔައިދެމުން އާދަމް ބުންޏެވެ.

ތަނަށް ލިބުނު ގެއްލުމުގެ އަގު ބުނަން އެނގޭނީ އަގުކޮށްލުމުންކަން ފާހަގަކޮށް އާދަމް ބުނީ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެތަނުގައި ކަރަންޓު ކީހާއި ކަރަންޓު ބުރުމާއާއި ރޮންދާގެ އިތުރުން ކޮންމެވެސް ވަރަކަށް ފައިސާ ހުންނާނެ ކަމަށް އާދަމް ބުންޏެވެ.

މީގެ ކުރިން އާދަމް ވަޒީފަ އަދާކުރީ ރަށު އިންޖީނުގޭގައެވެ. އަދި 35 އަހަރު ވަންދެން ކަރަންޓުގެ އެކި ކަންކަން ކުރިއެވެ. މި އަހަރުގެ ޖެނުއަރީ މަހު 65 އަހަރު ވުމާ ގުޅިގެން ރިޓަޔާވެ، މިހާރު އާދަމް ކުރަނީ ހަމައެކަނި މި މަސައްކަތެވެ.

މިފަދަ މަސައްކަތް ކޮށްގެން އެކި މަސް މަހު އާމްދަނީގެ ގޮތުގައި އާދަމްއަށް ލިބެނީ އެކި ވަރެވެ. ބައެއް މަސްމަހު 500، ނުވަތަ 6،000 އަދި އަނެއްބައި މަސްމަހު 10،000 ރުފިޔާވެސް ލިބޭކަމަށް އާދަމް ބުންޏެވެ. ނަމަވެސް ގިނަ ފަހަރު މަސައްކަތްތަކުގެ ހަމަ އަގުވެސް އާދަމް ނުނަގައެވެ.

ރޯވި، މާއުނގޫދޫ ފިތުރޯނުގޭ ކަރަންޓު ސާމާނުލާ ބައި --

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އިއްޔެ މެންދުރު ފުލުހަށް ލިބިފައިވާ ކަމަށެވެ.

"އަލިފާނުގެ ހާދިސާ ހިނގާފަިއ ވަނީ ކަރަންޓު ޝޯޓޭޖެެއް ވެގެންކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ" ފުލުހުން ބުންޏެވެ.

comment ކޮމެންޓް