ލެވަންޑޯސްކީ ހޯދުމުގެ ރޭހަށް ޔުނައިޓެޑުން ވެސް ގުޅިއްޖެ

ރޮބާޓް ލެވަންޑޮސްކީ ޗެމްޕިއަންސް ލީގު ތަށްޓާއެކު---

ޖަރުމަނުގެ ބަޔާން މިނުކްގެ ރޮބާޓް ލެވަންޑޯސްކީ ހޯދުމުގެ ރޭހަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ގުޅިއްޖެއެވެ.

ކާމިޔާބު އަށް އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުގައި ހޭދަކުރުމަށް ފަހު ރޮބާޓް ލެވަންޑޯސްކީ އެ ޓީމުު ދޫކޮށްލާނެކަން އިއުލާނުކުރިފަހުން އޭނާ ހޯދުމަށް ބޮޑެތި ގިނަ ކުލަބުތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ސްޕެއިންގެ ބާސެލޯނާއަށް އޭނާ ގެންދިއުމަށް އެ ޓީމުން ދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ޓީމާ ވަރަށް އަވަހަށް ގުޅޭނެއެވެ.

ނަމަވެސް ލެވަންޑޯސްކީ ހޯދުމަށް ފްރާންްސްގެ ޕީއެސްޖީގެ އިތުރުން ޔުނައިޓެޑުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ޕޮލެންޑުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ ލެވަންޑޮސްކީ ބުނީ އޭނާ ބަޔާނުގައި ހޭދަކުރާނެ ވަގުތު މިހާރު ހަމަވެއްޖެ ކަމަށެވެ.

ލެވަންޑޮސްކީ ބުނީ އޭނާ މި ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްލަން ބޭނުންވާކަމަށާއި، ބަޔާނުން އޭނާ ހިފައްހައްޓަން މަސައްކަތް ނުކުރާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ ބަޔާނުން އަހަރެން ހިފަހައްޓަން ނޫޅޭނެކަމަށް. ސަބަބަކީ އެ ޓީމަށް އަހަރެން ހިފެހެއްޓުމުގެ ފުރުސަތު އޮތީމަ،" ލެވަންޑޮސްކީ ބުންޏެވެ.

އޭނާ އެހެން ބުނެފައިވަނީ ބަޔާންއާއެކު ވެފައިވާ އެއްބަސްވުން އަދި ހަމަވުމަށް ބާކީ އެއް އަހަރު ދުވަސް އޮތުމުންނެވެ. ބަޔާނުން ބޭނުންނަމަ އެއް އަހަރު އޭނާ އެއްވެސް ޓީމަކަށް ދިޔަ ނުދީ ހިފެހެއްޓިދާނެއެވެ.

މިދިޔަ ދެ ސީޒަނުގައި 98 ގޯލު ޖެހި ލެވަންޑޮސްކީއަށް ލިބިފައިވަނީ މިދިޔަ އަހަރުގެ ބެލެންޑޯ ދެވަނައެވެ. އޭނާ މި ސީޒަނުގައި ބަޔާންއަށް ކުޅުނު 35 މެޗުގައި ވަނީ 34 ގޯލު ޖަހައިދީފައެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޮސްކީ ބަޔާނާ ގުޅުނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަރޯޝިއާ ޑޯޓުމަންޑުންނެވެ. އޭނާ ބަޔާނުގައި ހޭދަކުރި އަހަރު ތަކުގައި އެ ޓީމަށް ވަނީ 253 މެޗު ކުޅެދީ 238 ގޯލު ޖަހައިދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ. އެއްފަހަރު ފީފާ ކުލަބު ވޯލްޑު ކަޕު އުފުލާލައި އަށް ފަހަރު ޖަރުމަނު ބޮންޑަސްލީގާގެ ތަށި ވެސް ވަނީ އެ ޓީމާއެކު އުފުލާލައިފައެވެ.

comment ކޮމެންޓް