މާއުނގޫދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާއުނގޫދޫ ގެއެއްގައި އަލިފާން ރޯވެފައި -- ފޮޓޯ/ ށ. މާއުނގުދޫ ފޭސްބުކް ޕޭޖް

ށ. މާއުނގޫދޫގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު، އާއްމުން ނުކުމެ އަލިފާންގަނޑު ނިވާލައިފިއެވެ.

މިއަދު މެންދުރު މާއުނގޫދޫގައި އަލިފާނުގެ ހާދިސާ ހިނގީ، އެ ރަށު ފިތުރޯނުގޭގައެވެ.

ހާދިސާއާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ، ހާދިސާ ހިނގީ ކަރަންޓު ސޯޓެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަލިފާން ރޯވީ، އެގޭގެ މީހުން ދިރިއުޅޭ ބަޔާ ވަކިން ހުންނަ، ކަރަންޓު އެއްޗެހި ގުދަން ކުރާ ތަނެއް ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މާއުނގޫދޫގައި އަލިފާން ރޯވި ގެ -- ފޮޓޯ/ ށ. މާއުނގުދޫ ފޭސްބުކް ޕޭޖް

ފަސް މީހުން ދިރިއުޅޭ އެގޭގެ އަލިފާން ރޯވީ، އެގޭގައި އުޅޭ، އިލެކްޓްރިކް މަސައްކަތް ކުރާ މީހެއް ގެންގުޅޭ ތަކެތި ބަހައްޓާ ގުދަނެއްގައެވެ. އެހެންކަމުން މީހުން ދިރިއުޅޭ ބަޔަށް އަދި އެއްވެސް މީހަކަށް ވެސް ގެއްލުން ލިބިފައި ނުވާކަމަށް ސަލީމް ވިދާޅުވިއެވެ.

"އާއްމު ރައްޔިތުންގެ އެހީތެރިކަމާ އެކީގަ އަލިފާން ނިވާލީ،" ސަލީމް ވިދާޅުވިއެވެ.

ގޭގެ ވެރިފަރާތާ ހަވާލާދީ ސަލީމް ވިދާޅުވީ، އެތަނުގައި ކަރަންޓު ސާމާނު ފުދޭވަރަކަށް ގިނައިން ހުންނާނެ ކަމަށާއި އެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

"އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފަ ހުރީ،" ތަނުގެ ހާލަތު ކިޔައިދެމުން ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް