19 މެންބަރުން ފެއަށް ޖެހުނަސް ސަރުކާރުގެ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ: މެންބަރު އަސްލަމް

އެމްޑީޕީ ޕީޖީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންތަކާ ޚިލާފު ވާން ލިސްޓްގައި ނަން ޖެހި 19 މެންބަރުންގެ ސަބަބުން ރައްޔިތުން މަޖިލީހުގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް "ސަން" އަށް ވިދާޅުވީ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް އޮތް އިރު ރައީސް ނަޝީދުގެ ފަޅީގައި ތިއްބެވި 19 މެންބަރުންގެ ސަބަބުން ސަރުކާރުން ކުރަން ޖެހޭ އެއްވެސް ކަމަކަށް ދަތިވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި އެ ލިސްޓުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުންނަކީ ޕީޖީގެ ނިންމުންތަކާ ދެކޮޅުވާނެ މެންބަރުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މެޖޯރިޓީ ސަރުކާރަށް އޮތް އިރު އަދި މި 19 މެންބަރުންގެ ސަބަބުން ސަރުކާރުން މަޖިލީހުގަ ކުރަން ޖެހޭ އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ. އެއްވެސް ކަހަލަ ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލިސްޓުގައި ނަން ޖެހިޔަސް އެ ލިސްޓުގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އެމްޑީޕީ ޕީޖީގެ ނިންމުންތަކާ ޚިލާފުވާނެ މެންބަރުން ކަމަށް ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް މެންބަރުން އެ ލިސްޓުގައި ނަން ޖެހީ ވަކި ބޭފުޅަކު އެދުނީމަ ކަމަށް ވިދާޅުވާ މެންބަރުން އެ ލިސްޓުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިދިޔަ ހޯމަ ދުވަހު ނިންމާފައިވާއިރު އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި ނަޝީދު ހިމެނޭހެން އެމްޑީޕީ 19 މެމްބަރުން ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިނާ ޚިލާފުވާނެކަމަށް ލިސްޓު ކޮށްފައެވެ.

ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ އިން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

ކަންކަން ނިންމުމުގެ ކުރިން ބަހުސް ކުރަން ޖާގަ ނުދީ ނެރޭ ވިޕްލައިނަކަށް ތަބާ ނުވާނެކަމަށް، ވިޕްލައިނާ ޚިލާފުވުމަށް ނެރުނު ލިސްޓުގައި ހިމެނިވަޑާއިގަންނަވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲވެސް އިއްޔެ ވިދާޅުވިއެވެ.

ނަމަވެސް މިކަމަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވީ ޕީޖީގެ ވިޕްލައިނާ ޚިލާފުވާ މެންބަރުންނަށް ޕީޖީގެ ގަވައިދުގައި އޮންނަ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކިތަންމެ އިސް ބޭފުޅަކަށް ވިޔަސް އޮންނަ ގޮތާ ޚިލާފުވާނަމަ ފަސްނުޖެހި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޕާޓީން ނެރޭ ވިޕްލައިނާ ޚިލާފުވުމަށް ޕާޓީގެ މެންބަރުން ގޮވާލުމަކީ ކުރެވޭނެ އެންމެ ހުތުރު އެއް ކަންތައް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޕީޖީގެ ވިޕްލައިނާ ޚިލާފުވާން ލިސްޓުކުރީ ހަމައެކަނި ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ކަމުގަވާއިރު ޕާލަމެންޓްރީ ގުރޫޕުގެ މެޖޯރިޓީއާ ނަޝީދު ހިލާފު ވެފައިވާތީ ގިނަ މެމްބަރުންތަކެއް ގެންދަވަނީ މެޖޯރިޓީއަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވަމުންނެވެ.

comment ކޮމެންޓް