ލިސްޓުގައި ނަންޖެހިޔަސް ވިޕްލައިނާ ހިލާފު ނުވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ: އަސްލަމް

ރައީސް މުޙައްމަދު ނަޝީދާއި މެމްބަރު އަސްލަމް -- ސަން ފައިލް ފޮޓޯ

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންތަކާ ޚިލާފު ވާން ލިސްޓްގައި ނަން ޖެހި ނަމަވެސް ވިޕްލައިނާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށް އެ ލިސްޓުގައިވާ ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީން ނެރޭ ވިޕްލައިނާ ޚިލާފުވާނެކަމަށް އެމްޑީޕީގެ 19 މެންބަރަކު ލިސްޓުކޮށްފައިވާއިރު، އަސްލަމް "ސަން" އަށް ވިދާޅުވީ އެ ލިސްޓްގައި ހިމެނޭ ބައެއް މެމްބަރުން ވިޕްލައިނާ ޚިލާފު ނުވާނެ ކަމަށާއި ލިސްޓްގައި ނަން ޖެހީ ވަކި ބޭފުޅަކު އެދުނީމައި ކަމަށް ވިދާޅުވާ ކަމަށެވެ.

ވިޕްލައިނާ ޚިލާފުވާ ކޮންމެ މެންބަރަކަށްވެސް ޕީޖީ ގުރޫޕުގެ ޤަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

''ވިޕްލައިނާ ޚިލާފުވީމަ އެއޮންނަ ޤަވާއިދުގެ ދަށުން ފިޔަވަޅުއަޅާނަން. ނަސޭހަތް ދިނުމަށް ފަހު މަޢާފަށް އެދެން ބުނުމާއި، ޕާޓީން މެންބަރުންނަށް ކަނޑައަޅާ ބައެއް އިނާޔަތްތައް ކަނޑާލުމާއި، އެއް އަހަރުވަންދެއް ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުމާއި، ދެން އެންމެ ފަހު ކަމަކަށް އަޅުގަނޑުމެން އަޅާނެ ފިޔަވަޅަކީ ޕާޓީން ވަކިކުރުން. '' އަސްލަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކިތަންމެ އިސް ބޭފުޅަކަށް ވިޔަސް އޮންނަ ގޮތާ ޚިލާފުވާނަމަ ފަސްނުޖެހި ފިޔަވަޅު އަޅާނެ ކަމަށެވެ.

"އުސޫލުތަކާއި ޚިލާފުވީމަ ދެން އަޅުގަނޑަށް އޮންނާނެ ގޮތަކީ ޕާޓީގެ ޤަވާއިދުގައިި އޮންނަ ގޮތަށް ޢަމަލުކުރުން، ފިޔަވަޅުއެޅުން.'' އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޕާޓީން ނެރޭ ވިޕްލައިނާ ޚިލާފުވުމަށް ޕާޓީގެ މެންބަރުން ގޮވާލުމަކީ ކުރެވޭނެ އެންމެ ހުތުރު އެއް ކަންތައް ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ނިންމާފައިވާއިރު އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ.

ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ވަނީ ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލިސް މެންބަރުންގެ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓް ވަޓްސް އެޕް ގުރޫޕަށް ފޮނުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާޝަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.

އެ ގްރޫޕަށް ޙަސަން ލަތީފް ފޮނުއްވި މެސެޖުގައި ވަނީ, ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެ ލިސްޓުގެ ދެވަނައަށް ނަން ޖެއްސެވީ ރައީސް މުޙައްމަދު ނަޝީދެވެ. އެ ލިސްޓްގައި ވަނީ އެމްޑީޕީ ޕާލަމެޓްރީ ގްރޫޕްގެ 18 މެންބަރުންގެ ނަން ހިމަނުއްވާފައެވެ.

ކަންކަން ނިންމުމުގެ ކުރިން ބަހުސް ކުރަން ޖާގަ ނުދީ ނެރޭ ވިޕްލައިނަކަށް ތަބާ ނުވާނެކަމަށް ، ވިޕްލައިނާ ޚިލާފުވުމަށް ނެރުނު ލިސްޓުގައި ހިމެނިވަޑާއިގަންނަވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲވެސް މިއަދު ވިދާޅުވިއެވެ.

އެ ލިސްޓުގައި ތިއްބެވީ ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެކަންޏެވެ.

ޕާލަމެންޓްރީ ގުރޫޕުގެ މެޖޯރިޓީއާ ނަޝީދު ހިލާފު ވެފައިވާތީ ގިނަ މެމްބަރުންތަކެއް ގެންދަވަނީ މެޖޯރިޓީއަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވަމުންނެވެ.

comment ކޮމެންޓް