އެމްޑީޕީގެ ވެރިކަން ކުރިން ވައްޓާލީ ލޯނު ނެގުމުގެ ބާރު މަޖިލީހަށް ދިނުމުން ކަމަށާއި މި ވެރިކަމުގައި އެގޮތަށް އެކަން ވިޔަ ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް ފައިސާ ހޯދޭނެ ގޮތްތައް ސަރުކާރަކަށް އޮންނަން ޖެހޭނެ ކަމަށެވެ.
"އެ ވެރިކަން ވައްޓާލަން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެ ބާރު ރައްޔިތުންގެ މަޖިލީހަށް ނެގުން. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ. މިގޮތަށް ނުސީދާކޮށް ކުރާ ދުއްތުރާތަކަށް އަޅުގަނޑުމެން ތިބޭނީ ވަރަށް ހޭލާ، ބަލައިގެން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޗެކް އެންޑް ބެލެންސްގެ ނަމުގައި ސަރުކާރަށް ދުއްތުރާ ކޮށް އުނދަގޫ ކޮށްގެން ނުވާނެ ކަމަށެވެ.
އެ ބިލަށް ބަހުސްކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މި ވެރިކަމުގައި ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ވެގެން ދިޔަކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"އޮޑިޓް ރިޕޯޓުތައް ބައްލަވާ. މިނިވަން މުސްތަގިއްލު އޮޑިޓަރ ޖެނެރަލެއް ހުންނަވައިގެން ދިވެހިރާއްޖޭގެ މުއްސަސާތައް އެގެންދަވަނީ އޮޑިޓް ކުރައްވަމުން. ފާއިތުވި ދެ އަހަރުގެ އޮޑިޓް ރިޕޯޓްތައް ބައްލަވާ. ކުރިން ހުރި މައްސަލަތައް ކޮބައިތޯ. އެތައް އެތައް ކަންތައްތަކެއް ރަނގަޅުވެގެން ހިނގައްޖެ،" ސަލީމް ވިދާޅުވިއެވެ.
މި ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރަން އެ އެޅި ފިޔަވަޅުތަކާ ގާތަށް ވެސް މީގެ ކުރިން ކަންތައްތައް ކުރެވިފަ ނުވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނީ ލޯންސް އެންޑް ކެޕިޓަލް ވޯކްސް ފަންޑާއި، އެޑްވާންސް ފަންޑާއި، ކޮންސޮލިޑޭޓް ރެވެނިއު ފަންޑާއި، ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް އަދި ޓްރަސްޓް ފަންޑް ބެލެހެއްޓުމުގެ ޒިންމާ ނަންގަވަން ވާނީ ފިނޭންސް މިނިސްޓަރު ކަމަށެވެ.
ބިލުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ ޚަރަދުކޮށް އިންވެސްޓް ކުރުމާމެދު ގޮތް ނިންމަން ވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާ ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.