ކަނޑުމަހުގެ މަސްވެރިކަމާ ގުޅިފައިވާ ދިރޭ އެމުގެ މަސްވެރިކަން

ދިއްލައިގެން ދިރޭއެން ހިފަނީ

ދިރޭ އެން ބޭނުންކޮށްގެން ކުރާ ދޮށީގެ މަސްވެރިކަމަކީ ހަގީގަތުގައި ތަފާތު ދެ މަސްވެރިކަމެކެވެ. މީގެ ތެރެއިން ދިރޭ އެމުގެ މަސްވެރިކަން ކުރަނީ އަތޮޅު ތެރޭގައި އާދައިގެ ދަލެއް ބޭނުންކޮށްގެނެވެ. އަދި ކަނޑުމަހުގެ މަސްވެރިކަން ކުރަނީ މާކަނޑުގައި، އަތޮޅުން ބޭރުގައި ބުޅި، ދޮށި އަދި ކަންވާރު ބޭނުން ކޮށްގެނެވެ.

އިހުގައި އެމުގެ މަސްވެރިކަން ކޮށްފައި ވަނީ ހެނދުނުހެނދުނާ މަސްވެރިކަމުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައެވެ. އެން ހިފަން ބޭނުން ކޮށްފައިވަނީ އާދައިގެ ކަފަރޮދިން ތައްޔާރުކޮށްފައިވާ ދަލެއްގެ ހަތަރު ކަނުގައި ދަނޑި އައްސައިގެން މަސްދޯނީގެ އެއްފަރާތުން ފައްތައިގެނެވެ. ބައެއް ފަހަރު ފިލި (ކަހާފައިވާ ރޯމަސް) ދަލުގެ މައްޗަށް އަޅައިގެން އެންތައް ދަލަށް އަރުވައެވެ. ދެން ދާދި ހަލުވިކޮށް ދާ ދަމާ، ހިފުނު އެން ލޮނު އަރުވާފައިވާ ދޯނީގެ އެންވަތަށް އަޅާލައެވެ. އެންވަތުގައި ލޮނު ދައުރުކުރުން ދެމެހެއްޓުމުގެ ބުރަ މަސައްކަތް ކުރީ، ފަހަރަކު ފަޅުވެރިޔަކު އެންވަތުގައި ހުންނަލޮނުގަނޑު ހިއްކާ އާލޮނު އުނގުރިތަކުން އަރުވާ ލޮނުގަނޑު ތާޒާކޮށްގެންނެވެ. ދިޔަހިއްކުމަށް ބޭނުންކުރީ ލަކުޑިން ހަދައިފައި އޮންނަ ދިޔަހިއްކާ ފައެކެވެ.

ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކަނޑުމަހުގެ މަސްވެރިކަމަށް އައިސްފައިވާ އެކި ތަރައްޤީގެ ސަބަބުން ދިރޭ އެމުގެ މަސްވެރިކަމަށް ބަދަލުތަކެއް އައިސްފައިވެއެވެ. އެހެން ނަމަވެސް ދިރޭ އެމުގެ މަސްވެރިކަމުގެ އަސާސަށް ބަދަލު އައިސްފައެއް ނުވެއެވެ. އެހެނީ މިހާރުވެސް އެން ހިފަމުން އަންނަނީ އާދައިގެ ނައިލޯނު ދަލެއް ބޭނުން ކޮށްގެންނެވެ. އަދި އެން ދިރުވުމަށްޓަކައި ބޭނުންކުރަނީ ލޮނުން ދިޔަލައިފައިވާ ވަތެވެ. ކުރިޔާހިލާފަށް ރޭގަނޑު އެން ނެގުމަށް އަލީގެ ބޭނުން ކުރުން މިހާރު ވަނީ މުޅި ރާއްޖެއަށް އާންމުވެފައެވެ. މުޅި ރާއްޖެއަށް ބަލާއިރު، ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާއެމުގެ ހަތަރުބައިކުޅަތިންބަޔަކީ ރޭގަނޑު ހިފާ އެން ކަމުގައިބެލެވެއެވެ.

ދިރޭއެމުގެ މަސްވެރިކަމަށް އައިސްފައިވާ ފާހަގަކޮށްލެވޭ ބަދަލުތައް

1970ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަފަރޮދިން ހަދާފައިވާ ދަލުގެ ބަދަލުގައި ނައިލޯނުދާ، އެން ދަމަން ބޭނުން ކުރަން ފެށުނެވެ. މި ދާތައް ލުއިވެފައި ވަރުގަދަވުމުގެ ސަބަބުން، ބޭނުން ކުރާ ދާތަކުގެ ސައިޒު ބޮޑެތިވިއެވެ. އަދި ދަލުން ހަލާކުވާ ބައިތައް މަރާމާތު ކުރަންވެސް ފަސޭހަވިއެވެ. މި ބޮޑެތި އަދި ހަލާކުވުން ކުޑަ ދާތަކުގައި ރޭގަނޑުވެސް އެން ދިރުވާފައި ބެހެއްޓުމަށް އެކަށީގެންވުމުގެ ސަބަބުން ޘަގާފީގޮތުން ބޭނުންކުރަމުން އައި ލަގަރި ބޭނުންކުރުން 1980ގެ އަހަރުތަކުގެ މެދުތެރޭ ހުއްޓިގެން ދިޔައެވެ.

1972ގައި ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން ދިއުމާ ގުޅިގެން ފީނުމަށް ބޭނުން ކުރާ މޫނުމަތި މަސްވެރިންނަށް ތައާރަފުވެގެން ދިޔައެވެ. އޭގެކުރިން މަސްވެރިން އާންމުކޮށް އެން ހޯދަނީ މޫދަށް ނުފައިބާ، ކަނޑުގެ ލޮނުގަނޑުގެ މަތިން ބަލައިގެނެވެ. ފީނުމަށް ބޭނުންކުރާ މޫނުމަތި ބޭނުންކުރަން ފެށުމުން، މަސްވެރިންނަށް ކަނޑުއަޑީގައި ހިނގާކަންކަން ފެންނަންފެށިއެވެ. އެހެންކަމުން ދަލުގައި ދަނޑި އައްސައިގެން ފެއްތުމުގެ ބަދަލުގައި މޫދުގައި ފަޅުވެރިން ހަރަކާތްތެރިވާން ފެށިއެވެ. މީގެ ސަބަބުން ކުރިއަށް ވުރެ ބޮޑެތިދާ ބޭނުންކުރުން އިތުރުވެގެން ދިޔައެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ހުރިހާ ރިޔަލު މަސްދޯންޏެއްގައި އިންޖީނު އެޅުމާވިދިގެން މަސްވެރިކަމާ ގުޅިފައިވާ ތަރައްގީގެ އެތައް ކަމަކަށް މަގުފަހި ވެގެން ދިޔައެވެ. މީގެ ތެރޭގައި އެން ގެންގުޅޭގޮތަށްވެސް ބަދަލުތަކެއް އައެވެ. އަތުން ދިޔަހިއްކުމުގެ ބަދަލުގައި އިންޖީނުގެ އެހީގައި ހިންގާ ޕަންޕެއް ބޭނުންކޮށްގެން އެންވަތުގެ ދިޔަގަނޑު ދައުރު ކުރާގޮތް ހެދުނެވެ. މިހެންހެދުމުން ފަޅުވެރިން ދިޔަހިއްކާ ފައެއް ބޭނުންކޮށްގެން އަތުން އެންވަތުގެ ދިޔަގަނޑު ހިއްކުމަށް ކުރި މަސައްކަތަށް ނިމުމެއް އައެވެ.

ދިއްލައިގެން ދިރޭއެން ހިފަނީ

1981ގައި ހަވާއީގެ ތަޖުރިބާކާރު ދެ ކެޔޮޅުންކަމަށްވާ ވޯލްޓަރ ޕައުލޯ އާއި ރިޗަރޑް ކިނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ޒިޔާރަތްކުރިއެވެ. މި ދެ ކެޔޮޅުން، އެން ރައްކާކުރުމާއި ބޭނުން ކުރުމާ ގުޅޭ އައު ގޮތްތަކެއް ކިޔައިދިނެވެ. މިގޮތުން، އިހުނަށް ވުރެ ބޮޑެތި ލޯވަޅު ދޯނީގެ ވަތުގައި (ބަނޑުފިލާގައި) އެޅުމުގެ ބޭނުންތެރިކަމާއި އަދި ކައްޗަށް ކަނޑާފައި ހުންނަ ޕްލާސްޓިކް ހޮޅި ބޭނުންކޮށްގެން ލޮނުގަނޑު ދައުރުވާ ގޮތް ރަނގަޅުކޮށް، އެން ދިރިތިބޭ ވަގުތު އިތުރުކުރާނެގޮތް ކިޔައިދިނެވެ. މިއީ މިހާރު ހުރިހާ ދޯންޏެއްގައިހެން ބޭނުންކުރާ ކަންކަމެވެ.

އެންމެ ފުރަތަމަ ބޭނުންކުރި އިންޖީނުއެޅި މަސްދޯނިފަހަރަކީ ކުރީގެ ރިޔަލުދޯންޏެވެ. އެއަށްފަހު އިންޖީނު އަޅައިގެން ބޭނުން ކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދޯނިތައް ބަންނަން ފެށިއެވެ. 1980ގެ ތެރޭގައި އުފައްދަން ފެށި ދެވަނަ ޖެނެރޭޝަންގެ މަސްދޯނިތަކާ އެކުގައި، މަސްދޯނިތައް ބޮޑުކުރުމުގެ ރޫހެއް އުފެދުނެވެ. އަދި މިއަދާ ހަމައަށްވެސް މި މަސްދޯނިފަހަރު ބޮޑުކުރުމުގެ ވާދަވެރިކަން ކުރިއަށް އެބަދެއެވެ. މިގޮތުން މިހާރު 35 މީޓަރަށްވުރެ ބޮޑެތި މަސްދޯނިފަހަރު، ދެކުނުގެ އަތޮޅުތަކުގައި އާންމުވެފައިވެއެވެ. މިހެންވުމުން މަސްދޯނިފަހަރަށް އެން ބޭނުންވާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

1990ގެ ކުރީގައި، ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމުގައި މަސްބާނާއިރު ފެންލަނީ ފެންފުޅަފި ބޭނުންކޮށްގެން އަތުން ފެން އުކައިގެނެވެ. ފުރަތަމަ ފަހަރަށް މެކަނައިޒް ކުރެވިފައިވާ ފެންޖަހާނެ ނިޒާމެއް ބޭނުން ކުރަން ފެށުނީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ. މިކަމަށް ބޭނުން ކުރެވުނު ޕަމްޕަކީ އެންވަތުގައި ހުންނަ ލޮނުގަނޑުގެ ދައުރުވުން އިތުރަށް ރަނގަޅުކުރަންވެސް ބޭނުންކުރާ ޕަމްޕެވެ. މިކަން ފެށުނީ ރ އަތޮޅުގައެވެ. އަދި ދާދި އަވަހަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މިކަންފެތުރުނެވެ.

އަލި ބޭނުންކޮށްގެން (ދިއްލައިގެން) އައްޑު އަތޮޅުގައި 1970ގެ އަހަރުތަކުގައި ދިރޭއެން ހިފިކަމުގައި ވިޔަސް، ރާއްޖޭގެ އެހެން ހިސާބުތަކަށް މިގޮތަށް އެންހިފުން އާންމުވެގެން ދިޔައީ އެތަކެއް އަހަރު ފަހުންނެވެ. ހުވަދު އަތޮޅުގެ މަސްވެރިން މިގޮތަށް އެން ހިފަން ފެށީ 1990ގެ މެދުތެރޭގައެވެ. އޭގެ ފަހުން އަލި ބޭނުންކޮށްގެން އެންހިފުން ރާއްޖޭގެ އެހެން ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރުނެވެ. އެންމެފުރަތަމަ އަލިކުރަން ދިއްލީ ކުދިބޮކި އަދި ހޮޅިބުރިއެވެ. ނަމަވެސް މިހާރު 2000 ވޮޓުގެ 4 ލައިޓް (8000 ވޮޓް) ބޭނުންކުރުންވެސް ވަނީ އާންމުކަމަކަށް ވެފައެވެ.

އެންވެރިކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ފެށުމުގެ ގޮތުން 2001ވަނަ އަހަރު ރާއްޖޭގެ ދެސަރަހައްދެއްގައި އެންކަނދުފަތި ގާއިމުކުރެވުނެވެ. މިކަނދުފަތިތައް އަޅާފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަތޮޅު އަދި އުތުރުން ށަވިޔަނި އަތޮޅުގައެވެ. އަޖުމަބެލުމަށް ގާއިމުކުރެވުނު ކަނދުފަތިތަކުގެ ދިރާސާ ކުރިއަށް ނުގެންދެވި ހުއްޓާލަންޖެހުނީ މި ކަނދުފަތިތަކަށް ބަޔަކު ގެއްލުންދީ ހަލާކުކޮށްލުމުންނެވެ. އޭގެ ފަހުން އަދި މިހާތަނަށް އެފަދަ ދިރާސާއެއް ކުރެވިފައެއް ނުވެއެވެ.

2000ހުގެ އަހަރުތަކުގެ މެދުތެރޭގައި ވައިފުޅި އަޅައިގެން ފީނައިގެން އެންހިފުން އާންމުވާން ފެށިއެވެ. އެއާއެކު މަސްވެރިން އެންހޯދުމަށް އާދަޔާހިލާފަށް ފުނަށް ފީނަންފެށިއެވެ. އަދި މިކަމުގެ ސަބަބުން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް ބައެއް މަސްވެރިންނަށް ކުރިމަތިވިއެވެ. 2010ގެ އަހަރުތަކުގެ ތެރޭގައި، އެންދެމުމަށް ބޭނުންކުރަންފެށި އަޑިއަށްފައްތާ ބައްތި، 2020ވަނަ އަހަރާހިސާބަށް އައިއިރު ވަނީ ފުޅާވެ އާންމުކަމަކަށް ވެފައެވެ. މިހާރު އެންދެމުމަށް ބައެއް އޮޑިފަހަރުން 2000 ވޮޓުގެ 4 ލައިޓު ފެނުން މަތީގައި ދިއްލުމުގެ އިތުރުން ކަނޑުގެ އަޑިއަށް 3000 ވޮޓުގެ ލައިޓެއް ފައްތައެވެ.

އެންވެރިކަމުގައި ހިފޭއެމުގެ މިންވަރު ބެލުމަށް 2009 ވަނަ އަހަރު، އެންމިނާނެގޮތުގެ ދިރާސާއެއްކުރެވުނެވެ. އަދި 2010 ވަނަ އަހަރު ތައާރަފުކުރެވުނު ކަނޑުމަހުގެ މަސްވެރިކަމުގެ ލޮގުފޮތުގެ އެހީގައި، މަސްވެރިން ހިފާއެމުގެ މައުލޫމާތު ރަސްމީސިފައެއްގައި، ރާއްޖޭގެ ހުރިހާ ހިސާބަކުން، އެއްކުރަން ފެށުނެވެ. މިފަދަ މައުލޫމާތަކީ ދިވެހިރާއްޖޭގެ ދިރޭ އެމުގެ މަސްވެރިކަން އެއީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަމަކަށް ހެދުމަށް ވަރަށް މުހިންމު މައުލޫމާތެވެ. ދިރޭއެމުގެ ސްޓޮކަށް ލިބޭ ކޮންމެ ހީނަރުކަމަކީ ކަނޑުމަހުގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމެކެވެ.

comment ކޮމެންޓް