މިއީ "ހީރޯއެއް"، ލޭ ހަދިޔާކުރާތާ 35 އަހަރު

އަޝްރަފް 'ސަން؛އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުޑައިރު ޓީވީއިން އަންނަ ވަރަށް ރީތި އިޝްތިހާރެއް އިއްޔެ ކުއްލިއަކަށް ހަނދާނަށް އައެވެ. "މަހަތްމާ ގާންދީ، ފާދާ އޮފް އިންޑިޔާ"، މިފަދައިން އިޝްތިހާރު ފަށައި، އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ހިދުމަތްކޮށްދިން ދުނިޔޭގެ އެކި 'ހީރޯ' އިންގެ ނަންތައް ކިޔައެވެ. އެ ލިސްޓު ނިންމާލަނީ ދިވެހި ހީރޯއެއްގެ ނަމުންނެވެ.

"މުޙައްމަދު ނާޒިމް، ސޭވްޑް މައި ލައިފް ބައި ޑޮނޭޓިންގް ބްލަޑް،" އެންމެ ފަހު ހީރޯގެ ގޮތުގައި އިޝްތިހާރުގައި ބުނެއެވެ. އަދި ކޮންމެ މީހަކަށްވެސް ހީރޯ އަކަށް ވެވޭނެ ކަމަށާއި އެކަމަށްޓަކައި ބޭނުމީ ލޭފޮދެއް ހަދިޔާ ކޮށްލުން ކަމަށް އިޝްތިހާރު ނިންމާލަމުން ބުނެއެވެ.

ނާޒިމް ފަދަ، ދިވެހިރާއްޖޭގެ ހީރޯއިންގެ ލިސްޓެއް އިއްޔެ ލޮލުގައި އަޅައިގަތުމާއެކު ހުރިހާ ނަންތަކަކަށް ނަޒަރު ހިންގާލެވުނެވެ. ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު އެ ހީރޯއިންގެ އަގު ވަޒަން ކުރަން އެބަ ޖެހެއެވެ.

ބާރަ ސަފްހާގެ 'ބްލަޑް ޑޯނަރުން'ގެ ލިސްޓުގައި އުމުރުން 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދެޖިންސުގެ މީހުންގެ މައުލޫމާތު ގިނައިން ހުރިއިރު، 40 ގެ އަހަރުތައް ގުނާ މީހުންވެސް ކޮންމެވެސް ވަރަކަށް ހިމެނެއެވެ. އެ ލިސްޓު އެއްކޮށް ބަލައި ނިންމާލިއިރު ފާހަގަވީ، މި އަހަރު އުމުރުން 60 އަހަރު ފުރޭ، ކ. މާލެއަށް އުފަން އަބްދުﷲ އަޝްރަފްއެވެ.

އަޝްރަފަކީ މީގެ 35 އަހަރުން ކުރިން ފެށިގެން ލޭ ހަދިޔާ ކުރަމުން އަންނަ މީހެކެވެ.

އަޝްރަފް އެންމެ ފުރަތަމަ ލޭ ހަދިޔާ ކުރީ އާއިލީ މެމްބަރަކަށެވެ. އޭރު ލޭ ދިނުމަށްފަހު އަލުން ދިނުމުގެ ކުރިން ހަ މަސްދުވަހު މަޑުކުރަން ޖެހެއެވެ. އެހެންކަމުން ލޭ އަޅާ ކުއްޖަކަށް ލޭ ދޭން، އަޝްރަފްގެ ކިބައިން ބޮޑުބޭބެ އެދުނީއެވެ.

އަޝްރަފް 'ސަން؛އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ބޮޑުބޭބެ ދުނިޔޭގައި، ބޮޑުބޭބެ ބުނީ، ލޭދޭން ކެރިދާނެ ހެއްޔޭ، ތެލެސީމިޔާ ޕޭޝަންޓަކަށް. އެހެންވެ ބޮޑުބޭބެ ބުނި ބުނުމަށް، ދެން އަނެއްކާ ލޭ އަޅާ ކުއްޖަކަށް ވަރަށް މުހިންމުވާނެތާ [ލޭފޮދެއް]، އެހެންވެގެން އަސްލު،" އޭރުގެ ވާހަކަ އަޝްރަފް ކިޔައިދިނެވެ.

އުމުރުން 24 އަހަރުގައި ފުރަތަމަ ލޭ ދިންއިރުވެސް އެއްވެސް ވަރަކަށް އަޝްރަފް ހާސްވެ ކަންބޮޑެއް ނުވެއެވެ. އަޝްރަފްއަށް އިހުސާސް ކުރެވުނީ ހަށިގަނޑުން ތަންކޮޅެއް ކެނޑުމުން ބޭސް އެޅުމާ އެއްފަދަ ގޮތަކަށެވެ.

ސިންގަޕޯ އެއާލައިންގައި އޭރު ވަޒީފާ އަދާކުރަމުން އަޝްރަފް ގެންދިޔައީ ބަރާބަރަށް ލޭ ހަދިޔާ ކުރަމުންނެވެ.

"ދެން ހަމަ ﷲ ގެ ރަސްކަންފުޅަށްޓަކައި ބަރާބަރަށް ލޭ ދެނީ،" ފުރަތަމަ ދޭ ދިނުމަށްފަހު، ގަވާއިދުން ލޭ ދޭން ފެށުމުގެ ހިޔާލު އައީ ކިހިނެތްތޯ ސުވާލުކޮށްލުމުން ޖަވާބުގައި އަޝްރަފް ބުންޏެވެ.

ލޭ ދިނުމަކީ، ލޭ ދޭ މީހާއަށްވެސް އޭގެން ފައިދާކުރާ ކަމެއް ކަމަށް މީހުން ބުނާ ކަމަށާއި، ނަމަވެސް ގަވާއިދުން ލޭ ދޭންފެށީ އެ ސަބަބާހުރެ ނޫން ކަމަށް އަޝްރަފް ބުންޏެވެ. ގަވާއިދުން ލޭ ހަދިޔާ ކުރަނީ، އެހެން މީހަކަށް އެހީއެއް ވެދިނުމުގެ ގޮތުން ކަމަށް އޭނާ ފާހަގަކުރިއެވެ.

އަޝްރަފް ބުނި ގޮތުގައި، ވަޒީފާގައި އުޅެމުން ލޭ ދޭން އެއްވެސް އުނދަގުލެއް ނުވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް ލޭ ދޭން މީހަކު ގުޅައިފި ނަމަ ބައެއްފަހަރު ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަޝްރަފް ގިނައިން ލޭ ދެނީ ކުރިއަށް ރާވާލައި، ޝެޑިއުލްގެ ތެރެއަށް ލައިގެންނެވެ.

އެންމެ ފަހުން އަޝްރަފް ލޭ ހަދިޔާ ކޮށްފައި ވަނީ މީގެ ހަތަރު މަސް ކުރިންނެވެ.

މީގެ ދެދުވަސް ކުރިންވެސް ލޭ ހޯދަން މީހަކު އަޝްރަފްއަށް ގުޅިއެވެ. ނަމަވެސް ސައިކަލާއެކު ވެއްޓި ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މިވަގުތު ލޭ ދޭން ދާން އުނދަގޫވުމާއެކު އެ ފުރުސަތު ނުލިބުނީއެވެ.

އަޝްރަފް 'ސަން؛އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު އަންހެން ދަރިފުޅާއެކު ދިރިއުޅެމުންދާ އަޝްރަފް ލޭ ހަދިޔާ ކުރުމަށް މެދުކެނޑުމެއް އައީ އޭނާ އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ. ބަލިވެ، ބޮޑު އޮޕަރޭޝަނެއް ކުރުމާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ލޭ ދިނުން މެދުކެނޑުނެވެ. އެއީ 1990 ގެ އަހަރުތަކުގައެވެ. އޭގެފަހުން އާއްމު ސިއްހަތު ރަނގަޅު ވުމާއެކު ލޭ ދޭން ފަށަައި، އަދިވެސް އެހުރީ އެގޮތުގައެވެ.

ތިން މަހުންނާއި ހަމަހުން ނުވަތަ ނުވަ މަހުންވެސް ވެސް ލޭ ދީފައި ހުންނާނެ ކަމަށް އޭނާ ބުނެއެވެ.

އަހަރުގެ އެއްވެސް ދުވަސްވަރެއްގައި ލޭ ދޭން އުނދަގޫ ނޫން ކަމަށާއި ދެ ދުވަހުން އެއްދުވަހު ރޯދައަށް ހުންނަމުންވެސް ލޭ ދީފައި ވާނެކަމަށް އަޝްރަފް ފާހަގަ ކުރިއެވެ.

ލޭ ދިނުމާ މެދު އަޝްރަފް ދެކެނީ، އެއީ ވަރަށް 'ހެލްތީ' ކަމެއް ކަމަށެވެ. އުމުރުން މައްޗަށް ދިޔަ ނަމަވެސް، އެއްވެސް މައްސަލައެއް ދިމާނުވާނަމަ ކުރިއަށް އޮތް ތާނގައިވެސް ބަރާބަރަށް ލޭ ހަދިޔާ ކުރާނެ ކަމަށް އޭނާ ބުނެއެވެ.

ބަރާބަރަށް ލޭ ހަދިޔާ ކުރުމަކީ ދިރިއުޅުމުގެ ކަންކަމަށް ބަދަލު އަންނަ ކަމެއް ނޫންކަން ފާހަގަ ކުރަމުން އަޝްރަފް ބުނީ، އެކަމުގައި ވަކި ހާއްސަ ބާވަތްތަކެއް ނުގެންގުޅޭ ކަމަށާއި، ނަމަވެސް ހަށިގަނޑަށް ބަލައި، ތިމާއަކީ ލޭ ހަދިޔާ ކުރާ މީހެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

"މި ދެވެނީ ހެލްތީ ލޭކަން ޔަގީންކުރަންވާނެ، ދެއްތޯ؟،" އަޝްރަފް ބުންޏެވެ.

ރާއްޖޭގައި ވޮލެންޓިއާ ޑޯނަރުންގެ ނިސްބަތަކީ އަށެއް

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު 6536 މީހުން ވަނީ ސެންޓްރަލް ބްލަޑް ބޭންކަށް ލޭ ހަދިޔާ ކޮށްފައެވެ.

އޭގެ ތެރެއިން 59 ޕަސެންޓަކީ ޑައިރެކްޓް ޑޯނަރުން ކަމުގައި ވާއިރު، ވޮލެންޓިއާ ޑޯނަރުންގެ ނިސްބަތަކީ އަށެކެވެ. އަދި ކޭމްޕްތަކުން 10 ޕަސެންޓް މީހުން ލޭ ހަދިޔާ ކޮށްފައި ވާއިރު، އެޕެރެސިސްގެ ގޮތުގައި ވަނީ 12 ޕަސެންޓެވެ.

މިިދިޔަ އަހަރު ފެށުނުއިރު ތެލަސީމިޔާ ކުދިންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ވަނީ 918 ކުދިން ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެހާސް ވިހި ވަނަ އަހަރު ތެލަސީމިޔާ އަށް ކުއްޖެއް ނިޔާވެފައި ވާއިރު، މިދިޔަ އަހަރު އަލަށް ރަޖިސްޓްރީ ވެފައި ވަނީ 22 ކުދިންނެވެ.

ރާއްޖޭގެ ސިއްހީ ހާލަތާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން އާއްމުކުރި ދިރާސާއިން ދައްކާ ގޮތުގައި، 2020 ވަނަ އަހަރު ބްލަޑް ޑޯނަރުންގެ 16،810 މީހުން ވަނީ އެޗްއައިވީ ސްކްރީނިން ހަދާފައެވެ. އޭގެތެެރޭގައި އެންމެ ގިނައީ 24 އަހަރާ 49 އަހަރާ ދެމެދުގެ މީހުންނެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރި ކޮންމެ މީހަކަށް އަޝްރަފް ދޭން ބޭނުންވާ މެސެޖަކީ، ލޭ ހަދިޔާ ކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް އެއްވެސް ގޮތަަކަށް އުނިކަމެއް އަންނަ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ޖެހިލުން ނުވެ، ލޭ ދިނުމަށައި، އެމަގުން ކޮންމެ މީހަކަށްވެސް 'ހީރޯ' އަކަށް ވެވޭނެކަމަށް އަޝްރަފް ބުންޏެވެ.

comment ކޮމެންޓް