މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާއިގުޅޭ މުއައްސަސާތަކާއެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ހައްޖު ކޯޕަރޭޝަނުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މިބައްދަލުވުމުގައި ޙައްޖުވެރިންނަށް ފްލައިޓްތައް އޮންނަ ގަޑިތަކަށް ފަސޭހައިން އެއާޕޯޓާހަމައަށް ދިއުމުގައި ޢަމަލުކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރިއެވެ.
އެގޮތުން ޙައްޖުވެރިންނަށް މާލެތެރެއިން ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމާއި، ޙައްޖުވެރިންނަށް ޓްރާންސްޕޯޓް ހަމަޖެއްސުމާއި، ޙައްޖުވެރިން އެއާޕޯޓުގެ ތެރޭގައި ތިބޭ ވަގުތު އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ޙައްޖުވެރިންގެ އެހީތެރިން މި ދަތުރުތަކުގައި ބައިވެރިކުރާނެ ގޮތްތަކާމެދުވެސް މަޝްވަރާ ކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މޫސުމަށް އަތުވެދާނެ ބަދަލަކަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.
މިއަހަރުގެ ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ މި ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ ދެ ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
comment ރަށުމީހާގޭ
3 year 10 month ago
އަތޮޅުތެރެއިން ހައްޖަށް ދާންވެގެން މާލެ އައިސް ފުރަން ވަންދެން އަދި އެނބުރި އައިސް ރަށަށް އަނބުރާ ދެވެންދެން މާލޭގައި ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުން މާރަނގަޅުވާނެ. މިހާރު ޓުރާންސްޕޯޓް ހަމަޖެހިފައިވާ ގޮތުން ގުރޭޓަރ މާލެ ސަރަޙައްދުން ހުޅުލެއަށް ފުރަން ދިއުމަކީ ތިހާވަރަށް ގިނަ މުއައްސަސާތައް ބައިވެރިވެގެން މަޝްވަރާކޮށްގެން ކުރަންޖެހޭހާ ބޮޑުއޮޕަރޭޝަނަކަށް ނުހެދިޔަސް ކުރެވިދާނެ ކަމެއް. މެޑަލްޖަހާލަން ކޮށްލާކަމަކާއި ބޮޑަށް ވައްތަރީ.