ލ. މާމެންދޫގައި 35 އަހަރު ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ނިއްވާލައި މުޅިން އާ އިންޖީނުގެއަކުން އެ ރަށު ރައްޔިތުންނަށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މާމެންދޫގައި މިހާތަނަށް ހިދުމަތް ދެމުން ދިޔަ އިންޖީނުގެ ބަންދު ކޮށްފައި ވަނީ އެތަނުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތް ފޯރު ކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި އާ އިންޖީނުގޭގެ އޮފީސް ބައިގެ ބޮޑު މިނުގައި 160 އަކަ މީޓަރު ހުރެއެވެ. މި އިންޖީނުގޭގައި ހިމެނޭ ބައިތަކުގެ ތެރޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމާއި ޗިމްނީއާއި ވޯކް ޝޮޕްގެ އިތުރުން ޕޭންޓްރީ ހިމެނެއެވެ. އަދި އޮފީސް ބައިގައި އެޑްމިން އޮފީހާއި މީޓިން ރޫމާއި ރެސްޓް ރޫމާއި މެނޭޖާ ރޫމާއި ސްޓޮރޭޖު ރޫމް އަދި ޕޭންޓްރީ ހިމެނެއެވެ.
ފެނަކައިން ބުނީ އާ އިންޖީނުގެއަށް ނަގާނީ 25 މުވައްޒަފުން ކަމަށެވެ.
ފެނަކައިން އަންނަނީ ރަށްރަށުގައި ޒަމާނުންސުރެއް ބޭނުން ކުރަމުން އައި އިންޖީނުގެތަކުގެ ބަދަލުގައި އާ އިންޖީނުގޭތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.