ނަޝީދަށް ދިން ހަމަލާ ބައްލަވާ ގާޒީ ތަނާޒުލުވުން އެމްޑީޕީން ކުށްވެރިކޮށްފި

ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ސަރަހައްދު --- ފޮޓޯ: ޓްވިޓާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން އާދަމް މުޙައްމަދު ތަނާޒުލް ވުން، އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އިއްޔެ ޝަރީއަތުގެ މަޖިލިސް ފައްޓަވައިދެއްވުމަށްފަހު ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުޙައްމަދު ވަނީ, އެ މައްސަލާގައި ދައުވާކޮށްފައިވާ، މ.ކުދެހިގެ، އިސްހާގު ފަރާތުން އެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީގައި ވަނީ މަސްލަހަތު ފުށުއަރާކަމަށް ބުނެ އެ މައްސަލައިން ގާޒީ އާދަމް މުޙައްމަދު ތަނާޒުލްވެވަޑައިގަތުމަށް އެދިފައެވެ.

އިސްހާގު އެދުނު ގޮތަށް ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ނިންމަވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ބުނެފައި ވަނީ، މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ގަޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ އިސްހާގުގެ ދަރިއެއް، ގާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ގާޒީ ވިދާޅުވިކަމަށެވެ.

"ގާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފިޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކެން. ނޫންނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިސްހާގު ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް،" އެމްޑީޕީން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ، ގާޒީއަށް ތަނާޒުލުވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި ހުރުމުންކަމަށާއި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަކެވެ.

އެހެންކަމުން އެމްޑީޕީން އެދިފައި ވަނީ ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް އެ މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށެވެ.

މީގެއިތުރުން، މި ބިރުދެއްކުމުގެ މައްސަލައަށް ހަ މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބަލައި ދަޢުވާކުރަން ފޮނުވުމަށް ކަމަށާއި ނޫން ނަމަ މި އަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓާ ކުރުމަށް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް