ދަރަނި މަތިން ދަރަނި ނަގައިގެން ގައުމު ހިންގާއިރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާދޭން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށްވުރެ އިޖުތިމާއީ ކަންކަން ހިންގާ އަމިއްލަ ޖަމްއިއްޔާތަކަށް ފައިސާދިނުން ވެސް މާ ބުއްދިވެރިކަމަށް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީއަކީ ވަކި މާތް، ވަކި މުގައްދަސް ބައެއް ނޫނެއްނޫންތޯ. ހަމަ ޖަމްއިއްޔާއެއް ނޫންތޯ ސިޔާސީ ޕާޓީއަކީ ވެސް. އެންމެ ފުރަތަމަ ސިޔާސީ ޕާޓީތައް އުފެދުނީ ވެސް ޖަމްއިއްޔާތަކުގެ ނަމުގައި." ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެހެން ސިޔާސީ ހަރަކާތެއް ހިންގާތީ ނުވަތަ ސިޔާސީ ފިކުރެއްގެ ބަޔަކަށްވީތީ ދައުލަތުން ފައިސާދޭން ނުޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކަށް ދޭ ފައިސާއިން އެއްވެސް ބޭނުންތެރި ޚަރަދެއް ނުކުރާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
"އަބަދުވެސް އެއިރެއްގަ އޮންނަ ސަރުކާރަކާ ދެކޮޅަށް މުޒާހަރާކޮށް އެކަމަށް މި ޚަރަދުކުރަނީ. ކުރީމަ އަނެއްކާ އެމީހުން ބަންދުކުރުމާ އެމީހުނަށް ދައުލަތުން ޚަރަދުކުރުމާ މިކަންކަން މި އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދައުލަތުގެ ފައިސާގައި މުޒާހަރާތައް ކުރަން ފުރުސަތުދޭންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އަދި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި ޕާޓީއެއްގެ މީހަކު އެހެން ޕާޓީއަކަށް ބަދަލުވުމުން އެކަން ވެސް ބަލަހައްޓަން ޖެހެނީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ.
"ފައިސާ ނުދޭނަމަ ކޮންމެ ފާޓިއަކުން ދަފްތަރު ބަލަހައްޓާނީ އަމިއްލައަށް އެއީކީ އިލެކްޝަންސް ކޮމިޝަނަކާ ބެހޭކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޢަލީ ޙުސައިން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދަނީ ވެސް ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުމުގެ މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެގޮތުން ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ހުއްޓުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ގަވާއިދުތަކެއް އާންމުކޮށް އެއަށް އަމަލުކުރަން ފަށާފައެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްޙަ ނޫން ކޮންމެ ފޯމަކަށް އެ ފޯމު ހުށަހެޅި ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ކޮންމެ ވަގު ފޯމަކަށް ޕާޓީގެ ރެޖިސްޓްރާވެސް ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.
ވަގު ފޯމު ހުށަހަޅައިގެން ޕާޓީއަށް މީހުން ވެއްދުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް ވެސް އެ ކޮމިޝަނުން ވަނީ އަޅާފައެވެ. އެގޮތުން ޕާޓީއަށް ވަނުމަށް އެދި އެ ކޮމިޝަނަށް ފޯމް ހުށަހެޅުމުން، އެ މީހަކު ޕާޓީގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އޭނާގެ ނަމާއި އައިޑީކާޑު ނަންބަރުގެ ފަހު ތިން އަކުރު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަން ވަނީ ހަމަޖެހިފައެވެ.