ޕިޔޮންގްޔަންގް (12 ޖޫން 2022): އުތުރު ކޮރެއާގެ ނިއުކްލިޔާ ޕްރޮގްރާމުގެ ކަންތައްތަކުގައި ބައިނަލްއަގްވާމީ މުޖްތަމައާ މުއާމަލާތް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ޑިޕްލޮމޭޓް، ޗޯއީ ސޮން ހުއީ އެ ގައުމުގެ ޚާރިޖީ ވަޒީރު ކަމަށް އައްޔަންކޮށްފިއެވެ.
މިކަން ކަށަވަރުކޮށްދީފައިވަނީ އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިންނެވެ. ކޭސީއެންއޭ ބުނާގޮތުން ޗޯއީ އަކީ ވަރަށް ގާބިލް އަދި ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.
ޗޯއީ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރުކަމަށް އައްޔަންކޮށްފައި މިވަނީ އުތުރު ކޮރެއާއިން ނިއުކްލިޔާ އިތުރު ތަޖުރިބާއެއް ކުރަން ތައްޔާރުވަމުންދާކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އުތުރު ކޮރެއާއަކީ ނިއުކްލިޔާ ހަތިޔާރު ޓެސްޓްކުރުން މަނާކުރާ މުއާހަދާކަމަށްވާ ކޮންޕްރެހެންސިވް ނިއުކްލިޔާ ޓެސްޓް ބޭން ޓްރިޓީ (ސީޓީބީޓީ)ގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި ނިއުކްލިޔާ ހަތިޔާރާއި ޓެކްނޮލޮޖީ ފެތުރުން މަނާކުރާ މުއާހަދާކަމަށްވާ ނިއުކްލިޔާ ނޮންޕްރޮލިފަރޭޝަން ޓްރިޓީ (އެންޕީޓީ) ގައިވެސް ބައިވެރިވާ ގައުމެއް ނޫނެވެ.
އުތުރު ކޮރެއާއިން މިހާތަނަށް ފަސް ނިއުކްލިޔާ ތަޖުރިބާކޮށްފައިވާއިރު އެމެރިކާ ދާދިފަހުންވަނީ ނިއުކްލިއާ އިތުރު ތަޖުރިބާއެއް ނުކުރުމަށް އުތުރު ކޮރެއާއަށް އިންޒާރު ދީފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދުރުއިރުމައްޗާބެހޭ އެހީތެރިޔާ ވެންޑީ ޝާމަން ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ އިތުރު ތަޖުރިބާއެއް ކޮށްފިނަމަ އެކަމަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ވިދާޅުވެ އުތުރު ކޮރެއާއަށް ބިރު ދައްކަވާފައެވެ.
ނަމަވެސް އުތުރު ކޮރެއާއަށް ރައްދު ދޭނީ އެމެރިކާއާއި ދެކުނު ކޮރެއާގެ އިތުރުން އެމެރިކާގެ އެހެން ބައިވެރިންނާވެސް ގުޅިގެން ކަމަށް ވެންޑީ ޝާމަން ވިދާޅުވުމުން އެމެރިކާ ރައްދު ދޭން މިއުޅެނީ ޑިޕްލޮމެޓިކް ގޮތުންކަމަށްވަނީ ބެލެވިފައެވެ.
އެމެރިކާއަކީ އުތުރު ކޮރެއާއަށްވުރެ މާގިނައިން ނިއުކްލިޔާ ހަތިޔާރު އުފައްދައި އަދި އެހަތިޔާރު ރައްކާކޮށްފައިވާ ގައުމެކެވެ. އެހެންކަމުން އެމެރިކާއަކީ ނިއުކްލިޔާ މައްސަލާގައި އުތުރުކޮރެއާއަށް އިންޒާރު ދެވޭވަރުގެ ގައުމެއް ނޫނެވެ. ސަބަބަކީ އެމެރިކާވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަނީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް އެމުއާހަދާތަކަށް ގޮންޖަހާފައި ކަމަށްވާތީއެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެމެރިކާއަށްވެސް ހުއްދަކަމެއް ނޫނެވެ.
ނިއުކްލިޔާ މައްސަލައިގައާއި އުތުރުކޮރެއާއިން މިސައިލްތައް ތަޖުރިބާކުރާތީ ދާދިފަހުން އެމެރިކާވަނީ އުތުރުކޮރެއާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ގަރާރެއް ފާސްކުރަން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް ރަޝިއާއާއި ޗައިނާ ވަނީ އެމެރިކާ ފާސްކުރަން އުޅުނު ގަރާރާ ދެކޮޅަށް ވީޓޯގެ ބޭނުންކޮށް އެގަރާރު ބާތިލްކޮށްލާފައެވެ.
އެހެންކަމުން އުތުރު ކޮރެއާއިން ނިއުކްލިޔާ އިތުރު ތަޖުރިބާއެއް ކުރި ނަމަވެސް އދ. މެދުވެރިކޮށް އެގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެމެރިކާއަށް ނޯންނާއެވެ. އެއީ ޗައިނާއާއި ރަޝިއާއިން އެމެރިކާއަށް ފުރުސަތު ނުދޭނެކަމަށް ބެލެވޭތީއެވެ.