އެމްއާރްއެމްއިން މެމްބަރުން ހަމަކުރުމުން ޕާޓީ އުވާ ނުލާނެކަން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، އުވާލަން ދިން ނޯޓިސް ހަމަވުމުގެ މާ ކުރިން 3،000 މެމްބަރުން ހަމަކޮށްފި އެވެ.

އެމްއާރުއެމް ހިމެނޭގޮތަށް ބައެއް ޕާޓީތަކަށް 3،000 މެމްބަރުން ހަމަ ނުވާތީ އުވާލަން މި ފަހުން ވަނީ ނޯޓިސް ފޮނުވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނޯޓީސް ދިން އިރު އެމްއާރުއެމްގައި ތިބީ 2،300 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ އެ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެމްއާރުއެމްއަށް 3،000 މެމްބަރުން ހަމަވެއްޖެކަން އެ ޕާޓީއަށް އަންގައިފައެވެ.

މިކަމާ ގުޅޭގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް "ސަން"އަށް ވިދާޅުވީ އެމްއާރުއެމްއަށް ނޯޓިސް ދިނުމުގެ ކުރިންވެސް 3،000 މެންބަރުން ހަމަވާވަރަށް ފޯމުތައް އީސީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ފޯމުތައް ޕްރޮސެސްކުރުން ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

''އަސްލު އަޅުގަނޑުމެން ވަރަށް ކުރިއާލާ ފޯމުތައް ހުށަހެޅިން. އެކަމަކު އިލެކްޝަން ކޮމިޝަނުން އެ ފޯމުތައް ޕްރޮސެސްކުރުމަށް ވަރަށް ބޮޑަށް ލަސްވި. ވަރަށް ލަހުން ޕްރޮސެސްކުރީ.'' އަލީމް ވިދާޅުވިއެވެ.

އެ ޕާޓީން ވަނީ މީގެ ކުރިން ވެސް އެ ޕާޓީގައި ރެޖިސްޓްރިވުމަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުން ލަސްވުމާއި ގުޅިގެން އަވަސްކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އެމްއާރުއެމްގެ މިހާރުގެ ރައީސަކީ ފާރިޝް މައުމޫނެވެ. އެ ޕާޓީގެ ޒައީމަކީ ރައީސް މައުމޫނެވެ.

އެމްއާރުއެމްގެ އިތުރުން ޑީއާރުޕީ އާއި އެމްޓީޑީގައި ވެސް މެމްބަރުން ހަމަ ނުވާތީ އުވާލުމަށް އީސީއިން ވަނީ ނޯޓިސް ފޮނުވައިފައެވެ. އެ ޕާޓީތަކުން ވެސް އަންނަނީ މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް