ކޮވިޑުތެރޭ ދޫކުރި ހުއްދަ ބާތިލުކުރުމާއެކު، ކުދި އިންސްޓިޓިއުޓްތައް ގޮތް ހުސްވެފައި

އިސްލާމިކް ޔުނިވާސިޓީގެ ޕްރޮގްރާމެއްގައި އޮންލައިންކޮށް ކިޔަވައިދެނީ --- ފޮޓޯ/ އައިޔޫއެމް

ކޮވިޑުގެ ފުރަބަންދުގެ ދުވަަސްތައް އެންމެނަށް ވެސް ވީ ވަރަށް އާދަޔާ ޚިލާފު ތަޖުރިބާއަކަށެވެ. އާންމު ސިއްހަތުގެ ރައްކަލަކަށްޓަކައި އެޅި ގިނަ ފިޔަވަޅުތަކެއްގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންތައް މުޅިން ބަދަލު ކުރަން ޖެހުނެވެ.

އޮފީސްތައް ބަންދުވެ، ގޭގައި މަސައްކަތްކުރަން ޖެހުނެވެ. ބޮޑެތި ކޮންފަރެންސް ތަކާއި ސެމިނާތައް ވެސް ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް މަޖުބޫރުވިއެވެ.

މީގެ އިތުރުން ސްކޫލްތަކާއި، ކޮލެޖު ޔުނިވާސިޓީ ތަކަށް ހާޒިރުވެގެން ކިޔަވައިދެވޭނެ ގޮތެއް ނެތި، އޮންލައިންކޮށް ކިޔަވައިދިނުން މަޖުބޫރުވިއެވެ. އުސޫލުތައް އޭރު ހުރި ގޮތުން އޮންލައިންކޮށް ކިޔަވައިދެވެނީ އެމްކިއުއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ވަކި ބާވަތެއްގެ ކޯސްތަކެކެވެ.

ނަމަވެސް، ކޮވިޑުގެ ހާލަތާ ގުޅިގެން، ހުރިހާ ޕްރޮގްރާމެއް ވެސް އޮންލައިންކޮށް ހިންގުން ހުއްދަކޮށް، އާންމު ހުއްދައެއް އެމްކިއުއޭއިން 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ ނެރުނެވެ. މި ހުއްދައާ އެކު، ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ އެކަޑަމީތަކަކާއި، އިންސްޓިޓިއުޓްތަކަކުން އެކި ބާވަތުގެ އޮންލައިން ކޯސްތައް ހިންގަން ފެށިތަނެވެ.

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ, ކޮވިޑު ތެރޭ ކިޔެވުމަށް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބަރޯސާވާން ޖެހުނު-- ފޮޓޯ: އިސްކަންދަރު ސްކޫލު

އާއިލީ މަސްއޫލިއްޔަތުތައް ގިނަ، ހަތަރު ކުދިންގެ މަންމައެއް ކަމުގައިވާ ޒުލައިޚާ (އަސްލު ނަމެއް ނޫން)އަށް މި ބަދަލުތައް ވެގެން ދިޔައީ ފަހިވި ރަނުގެ ފުރުސަތަކަށެވެ. ރަށުގައި ހުއްޓާ ލިބުނު ފުރުސަތެއްގައި ގިރާއަތު ލެވެލް ދެއަކާ ހަމައަށް އޭރު ވެސް އޭނާ ހުރީ ކިޔަވައިގެންނެވެ.

އެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި އޭނާ އިޚްތިޔާރުކުރީ އެ ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން ދިޔަ އިންސްޓިޓިއުޓެއްގެ ޕްރޮގުރާމެކެވެ. އެ ކޯސް މެދުވެރިކޮށް، ރާއްޖޭގެ ފުންނާބު އުސް މުދައްރިސުންގެ ފަރާތުން ދަރިވަރުވުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

"އަސްލު ވަރަށް ތަފާތު ރަށުގައި ކޯސް ހެދުމާ މާލޭގައި ތިބި މުދައްރިސުންގެ ފަރާތުން ކިޔެވުމާ. ވަކިން ހާއްސަކޮށް، އޮންލައިން ކިޔެވުމުގައި ލިބޭ ފަސޭހައަކީ ގޭތެރޭ އުޅުމުގެ ތެރޭން ވަގުތުކޮޅެއް ހުސްކޮށްލައިގެން ކިޔެވޭތީ" ޒުލައިޚާ ބުންޏެވެ.

އެހެންކަމުން، އެ ކޯސް އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެނގުނު ދުވަސް ވީ ޒުލައިޚާ އަށާއި، އޭނައާ އެކު ކިޔަވަމުން އައި އެތައް ދަރިވަރުންނަށް ވެސް މާޔޫސީ ދުވަހަކަށެވެ.

"މިސް ވިދާޅުވީ ދެން މާލެ އައިސްގެންނޭ ކިޔަވަން ޖެހޭނީ. ވަރަށް ދެރަވި އެ ދުވަހު. އަސްލު ވަރަށް ކުރިއަށް ދިއުމަށް އުންމީދުކޮށްގެން ހުއްޓާ ކުއްލިއަކަށް ހުއްޓާލަން ޖެހޭކަން އެނގުނީމަ" ޒުލައިޚާ ބުންޏެވެ.

ޒުލައިޚާމެންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން ހުއްޓާލަން ޖެހުނީ އެމްކިއުއޭއިން ކޮވިޑާގުޅިގެން ދޫކުރި އީލާނިންގެ އާންމު ހުއްދަ ބާތިލުކުރުމުންނެވެ.

އެ އޮތޯރިޓީން އެ ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ކުރީ މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ. އެ މަހުގެ 18ވަނަ ދުވަހު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ފޮނުވި ސާކިއުލާގައި ކޮވިޑުގެ ހާލަތު ނިމުމުން އީލާނިން ހުއްދައަށް އަންނާނެ ބަދަލު ބުނެދީފައިވެއެވެ.

"ކޮވިޑް 19ގެ ކުއްލި ހާލަތު ނިމި، އާންމު ހާލަތަކަށް ދިއުމުން، ޕްރޮގްރާމް އެޕްރޫވަލްގައި އީލާނިން އިން ކިޔަވައިދިނުމަށް ހުއްދަ ނުދޭ ޕްރޮގްރާމްތައް ހިންގަންވާނީ ދަރިވަރުން މަރުކަޒަށް ހާޒިރުވެގެންކަމާއި، މަޖުބޫރީ ހާލަތަކާ ގުޅިގެން މަރުކަޒަށް ހާޒިރު ނުވެވޭ ދަރިވަރުންނަށް ކޮވިޑް 19ގައި އެ ޕްރޮގްރާމް ފެއްޓި ގޮތަށް ކިޔަވައިދޭން އެދެފި ނަމަ ނުވަތަ އެ މަރުކަޒަކުން އެ ޕްރޮގްރާމް ފެއްޓި ގޮތަށް ކުރިއަށް ގެންދެވިދާނެއެވެ." އެމްކިއުއޭގެ ސާކިއުލާގައި ވެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ކޯވިޑްގެ ދެވަނަ ރާޅައް ފަހު ކްލާސްތަކަށް ހާޒިރުވުން-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

މިދިޔަ މާޗު މަހުގެ 14ވަނަ ދުވަހަކީ އެ ސާކިއުލާގައި އިޝާރާތްކޮށްފައިވާ ކުއްލި ހާލަތު ނިމި، އާންމު ހާލަތަށް ގައުމު ރުޖޫއަ ވެއްޖެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި ދުވަހެވެ. އެއާ އެކު، އޭޕްރީލް މަހުގެ 28ވަނަ ދުވަހު އެމްކިއުއޭއިން ވަނީ އާންމު ހުއްދަ ބާތިލުކުރިކަން އަންގާ، ސާކިއުލާއެއް ނެރެފައެވެ.

އެ ސާކިއުލާއާ ގުޅިގެން ހުރި ބައެއް އޮޅުންތައް ފިލުވައިދިނުމަށް މި މަހުގެ 6 ވަނަ ދުވަހު މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެ އޮތޯރިޓީން ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އީލާނިން މޮޑިއުލްއަށް ފެށި ޕްރޮގުރާމެއް އެ މޮޑިއުލްގައި ނިންމާލުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދިއުމަށް އެދޭ އިންސްޓިޓިއުޓްތަކުން ރަޖިސްޓްރީ ވުމަށް ވެސް އެ ސިޓީގައި އެދިފައިވެއެވެ.

ކުދި އިންސްޓިޓިއުޓްތަކަށް ބޮޑު ގެއްލުމެއް

އެމްކިއުއޭގެ މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ކުދި އިންސްޓިޓިއުޓްތަކަށެވެ. މީގެ ތެރެއިން ބައެއް ތަންތަނަކީ ކޮވިޑުގެ ދުވަސްވަރު އުފެދިގެން އައި ތަންތަނެވެ. އެ ތަންތަނުގައި ގިނައިން ހިންގަނީ ވެސް އަދި އެންމެ ޑިމާންޑު ބޮޑީ ވެސް ޤުރުއާނާއި، ދީނީ އިލްމުގެ ތެރޭ ހިމެނޭ ކޯސްތަކަށެވެ.

ނަމަވެސް، އެ ދާއިރާގެ ކޯސްތައް ހިމެނެނީ އެމްކިއުއޭއިން އީލާނިންއަށް ހުއްދަ ނުދޭ ލިސްޓުގައެވެ. އެހެންކަމުން، އެ ފަދަ ކޯސްތައް ހިންގަމުން އައި އިންސްޓިޓިއުޓް ތަކަށް ޖެހުނީ އާ ބުރެއް ނުފެށި ހުއްޓާލާށެވެ.

އެ ފަދަ އިންސްޓިޓިއުޓެއް ކަމުގައިވާ ދާރުލް ޤުރްއާން ވައްސުންނާގެ ވެރިޔާ ލަޠީފް އަޙްމަދު "ސަން"އަށް ވިދާޅުވީ އާ ކޯސްތައް ފެށުން ހުއްޓާލަން ޖެހުން ވީ އިތުރަށް ކިޔެވުމުގެ އަޒުމުގައި ތިބި ގިނަ ދަރިވަރުންތަކަކަށް ލިބުނު ދެރައެއް ކަމަށެވެ.

"ކޮވިޑުތެރޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިވެގެން ދިޔައީ މި ހުއްދައިގެ ދަށުން. އެ ހުއްދަ އުވާލީމާ، މިހާރު ހިންގަމުން އަންނަ ޕްރޮގުރާމެއް ނިންމާލެވުނު ކަމުގައި ވިޔަސް، އިތުރަށް ކިޔަވަން ބޭނުން ވާ ކުއްޖާއަށް ފުރުސަތު ގެއްލުނީ ނޫންތޯ،" ލަތީފް ވިދާޅުވިއެވެ.

އެ މަރުކަޒުގެ ކޯސްތަކުގައި ރާއްޖޭގެ އިތުރުން، ރާއްޖޭން ބޭރުގައި ތިބި ބައެއް ދިވެހިން ވެސް ކިޔަވާފައިވެއެވެ. ގިރާއަތު ކޯސް، އިމާމު ކޯސް އަދި ޖަނާޒާ ކޯސް ފަދަ މުހިއްމު އެތައް ކޯސްތަކެއް އެ މަރުކަޒުން ހިންގި އިރު، އެ ކޯސްތަކުން ދަސްވެނިވެ، ވަޒީފާ އަދާކުރަމުންދާ މީހުން މިހާރު މަދެއް ނޫނެވެ.

ލަތީފް ވިދާޅުވި ގޮތުގައި އެ ކޯސްތައް ހުއްޓާލަންޖެހުނީ އެކަމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކަށައެޅުމާ ނުލައި ހުއްދަ ބާތިލު ކުރުމުން ކަމަށެވެ.

"މާލީ ގޮތުން ވެސް ވަރަށް ބޮޑު ގެއްލުމެއް މިއީ. އަޅުގަނޑުމެން ތަނެއް ކުއްޔަށް ހިފައިގެން އުޅޭއިރު މާލެ ތެރޭން މިހާރު ނުލިބޭ އެވަރަކަށް ކުދިންނެއް. އެހެންވީމަ މިފަދަ ގިނަ ތަންތަން ހަމަ އިނދަޖެހޭނީ" އޭނާ ވިދާޅުވިއެވެ.

ހުއްދައަށް އަދިވެސް އެދެވޭނެ، ގައިޑްލައިން ވެސް ތައްޔާރު: އެމްކިއުއޭ

އެމްކިއުއޭގެ ސީއީއޯ ޑރ. ޢަބްދުލްހަންނާން ވަޙީދު "ސަން"އަށް ވިދާޅުވި ގޮތުގައި އެއްވެސް އިރަކު އީލާނިން އަށް ހުއްދަ ދޫކުރުން މެދު ކަނޑައެއް ނުލައެވެ.

"އީލާނިން ކިޔަވައިދިނުމަށް ބަޔަކު ހުއްދައަށް އެދެފިނަމަ ހުއްދަ ދޭގޮތަށް އޮތީ. [އެ ހުއްދަ ދިނުން] ހުއްޓައެއްނުލާ. އެކަމަކު ކޮވިޑުގެ ތެރޭގައި ދިން ހުއްދައެއް ނޯންނާނެ ނޫންތޯ؟" އޭނާ ވިދާޅުވިއެވެ.

ޑރ.ޙަންނާން ވިދާޅުވީ މިހާރު އެ ހުއްދައަށް އެދެން ޖެހޭނީ ކޯސް އެކްރެޑިޓޭޝަން އަށް އެދޭ އިރު އެކި ކޯސްތައް ވަކިން ކަމަށެވެ. އަދި އެ ކަމަށް އެދި ހުށަހަޅާ ފޯމުގައި އޮންލައިން މޮޑަލިޓީ އިހްތިޔާރުކުރެވެން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އީލާނިންގެ ޓެކްނިކަލް ގައިޑްލައިނެއް، ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ތައްޔާރުކޮށްފައިވާ ކަމަށެވެ. އެ ގައިޑްލައިން މިހާރު އޮތީ ގެޒެޓް ކުރުމުގެ ފުރަތަމަ މަރުހަލާގައި، ބަންޑާރަނާއިބުގެ އޮފީހަށް ހުށަހަޅާފައެވެ.

އެމްކިއުއޭގެ ސީއީއޯ ޑރ. ޢަބްދުލްޙަންނާން ވަޙީދު --- ފޮޓޯ/ އޮސްޓްރޭލިއަން ގްލޯބަލް އެލުމްނައި

މެޑިސިންއާއި އިންޖިނޭރިން ފަދަ ދާއިރާތަކުގެ ކޯސްތަކާއެކު ޤުރުއާނުގެ ދާއިރާގެ ކޯސްތައް ވެސް އޮންލައިކޮށް ކިޔަވައިދިނުމުގެ ހުއްދަ ނުދޭ ލިސްޓުގައި ހިމެނީ ދާއިރާގެ މާހިރުންގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޮޑެތި ޤާރީންނާއި، އިލްމުވެރިން ވިދާޅުވަނީ ހެޔޮ ނުވާނެޔޭ އެގޮތަށް އެކަން ދޫކޮށްލަން،" ޑރ.ޙަންނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ކުރިން ގެންގުޅުނު އުސޫލާ ހިލާފަށް، މިހާރު އިންސްޓިޓިއުޓް ތަކަށް ވެސް އީލާނިން ހުއްދަ ދޫކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

ކޮންމެއަކަސް، އޮންލައިންކޮށް އުނގެނުމާއި އުނގަންނައިދިނުމަށް މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ގިނަ ބަޔަކު ވަނީ ހޭނިފައެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގެ ބޮޑެތި ޔުނިވާސިޓީތަކެކޭ އެއް ހަމައެއްގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ތައުލީމު ހާސިލުކުރުމަށް ދިވެހީން ދަސްކޮށްފިއެވެ. އެ ކުރިއެރުން ފާހަގަކުރެވުނީ ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމު ފެތުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ނައްތާލި ކަމަކަށެވެ.

އެހެންކަމުން، ލަތީފް ފަދައިން، އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ މީހުންނާއި، ޒުލައިޚާ ފަދައިން، އުނގެނުމުގައި ހަރަކާތްތެރިވާ މީހުންގެ އެންމެ ބޮޑު އެދުމަކަށްވާނީ އެ ކުރިއެރުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރިހަމަ މިނިވަންކަން ލިބުމެވެ.

comment ކޮމެންޓް