ހދ. ކުމުންދޫ ނޭޗާ ޕާކް ވެހިސަރާގައި ބަޔަކު ރޯކޮށްލި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުމުންދޫ ނޭޗާ ޕާކުގައި ބަޔަކު ރޯކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އެ ހާދިސާގައި އެތަނުގެ 90 ޕަސެންޓު ވަނީ އަނދާ ހުލި ވެފައެވެ.
އެ ޕާކަށް ދިން ގެއްލުމަކީ ކުމުންދޫ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު އަގުނުކުރެވޭ ގެއްލުމެއްގެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

ކުމުންދޫ ނެޗާ ޕާކުގައި ރޯވެފައި--ފޮޓޯ/ސަން ފައިލް
މީގެ އިތުރުން، އެތަނަކީ އަލިފާން ރޯވާ ޒާތުގެ އެއްވެސް އެއްޗެއް ހުންނަ ތަނަކަށް ނުވާތީ އެތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ކައުންސިލުން ތުހުމަތުކުރެއެވެ.
އެ ޕާކަކީ ކުމުންދޫގެ އެންޖީއޯއެއް ކަމަށްވާ ކުރެވި ޖަމުއިއްޔާގެ ބަޖެޓުން ޚަރަދުކޮށް؛ ޖަމުއިއްޔާގެ ކުޅިވަރު ވިންގުން ތަރައްގީކޮށް، ކައުންސިލާ ހަވާލު ކޮށްފައިވާ ތަނެކެވެ.
ކުރެވި ޖަމުއިއްޔާއިން ވަނީ އަންނަ މަހު އެ ޕާކު އަލުން ހަދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ.