"މަގޭ ނަބިއްޔާ"ގެ ނަމުގައި ބޭއްވި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން

"މަގޭ ނަބިއްޔާ"ގެ ނަމުގައި ޒުވާނުން ބޭއްވި ސައިކަލު ބުރު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

"މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ޒުވާނުން އިސްނަގައިގެން މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު 4:00ގައި ރަސްފަންނު ސަރަހައްދުން ފެށި މި ސައިކަލް ބުރުގެ ބައިވެރީން މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން ދުއްވަމުން ގޮސް، ހައެއް ޖެހިއިރު ބުރު ނިންމާލީ ވެސް ހަމަ ރަސްފަންނު ސަރަހައްދަށެވެ. ސައިކަލް ބުރު ނިންމާލީ ޚައްސަ ދުއާއަކުންނެވެ.

ގިނަ އަދަދެއްގެ ޒުވާނުންނާ އެކި އުމުރުފުރާގެ އެތައް ބަޔަކު ބައިވެރިވެ، މި ސައިކަލް ބުރުގައި "ﷲ އަކްބަރު" މިހެން ހަރުއަޑުން ގޮވާފައިވެއެވެ. އެކިއެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ވެސް ސައިކަލް ބުރުގެ ބައިވެރިން ގެންގުޅުނެވެ.

މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ފާހަގަކޮށް އެކަންކަން ވަގުތުން ހުއްޓާލުމަށް ގޮވައިލާފައެވެ. މީގެ އިތުރުން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ކޮންމެ ވަގުތަކުވެސް ދިވެހީން ނުކުންނާނެ ކަމަށް ޒުވާނުން ބުންޏެވެ.

"މަގޭ ނަބިއްޔާ"ގެ ނަމުގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުނާ މުޚާތަބު ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ކީރިތި ރަސޫލާއަށާއި އެކަލޭގެ ފާނުގެ މަތިވެރި ޝަރަފަށް އުނިކަން ލިބުނު ހިނދު، އެކަންތައް ކުށްވެރިކޮށް އެކަލޭގެ ފާނުގެ މަތިވެރި ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވި ޒުވާނުންނަށް ޝުކުރު ދަންނަވާފައެވެ.

"މަގޭ ނަބިއްޔާ"ގެ ނަމުގައި ޒުވާނުން ބޭއްވި ސައިކަލު ބުރު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

"ރަސޫލާގެ ޝަޚްސިއްޔަތަށް އުނިކަން ލިބިގެންދާ ހިނދުގައި އަޅުގަނޑުމެން މުސްލިމުން އެކަން ބަލައިގަނެގެން ނުވާނެ. އަޅުގަނޑުމެންނަކީ މާތް ނަބިއްޔާގެ ދިފާއުގައި ތެދުވާނެ ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވެގެން ދާނީ އެ ހިނދު،" ޝަހީމް ވިދާޅުވިއެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން އެ ގައުމުގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ، ވަނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް މަލާމާތްކޮށްފައެވެ. އަދި އެ ޤުރުއާނާމެދު، މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާ ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ވެސް، މި ޓީވީ ޝޯގައި އޭނާ ދެއްކިއެވެ.

އިންޑިއާގެ މުސްލިމުން ބުނާގޮތުގައި އެ ގައުމުގެ އެކި ސްޓޭޓްތަކުގައި ހަރުކަށި ހިންދޫން މުސްލިމުންނަށް ހަމަލާދީ އަނިޔާކޮށް މުސްލިމުން މަރައި މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ހަލާކުކޮށް ބުރުގާއެޅުން މަނާކުރުންފަދަ ހަރުކަށި އަމަލުތައް ހިންގަނީ އެ ޤައުމުގެ ސަރުކާރުގެ ތާއީދާއެކުގައެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތައް ވެސް ބުނާގޮތުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅައި އިންޑިއާގެ އެކި ދީންތަކުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނަގާލައި މަސްރަހު ހޫނުކޮށް ހަމަނުޖެހުން އުފައްދަނީ ވެރިކަންކުރާ ބީޖޭޕީންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް