އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް މާދަމާ ހދ. އަތޮޅަށް ފަށަނީ

ހދ. އަތޮޅުގައި ދުއްވަން ހަމަޖެހިފައިވާ"ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ފެރީ ލޯންޗު ---

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކް" ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކު"ގެ ޚިދުމަތް ރަސްމީކޮށް ހދ. އަތޮޅުގައި މާދަމާ ފަށާނެއެވެ.

މިރޭ ރަސްމީކޮށް އާރުޓީއެލް ފެރީގެ ޚިދުމަތް ލޯންޗުކުރުމަށް ޕްލޭނިން މިނިސްޓްރީން ބޭއްވި ހަފްލާއެއްގައި އާރުޓީއެލްގެ ޚިދުމަތް ހދ. އަތޮޅުގައި މާދަމާ ހެދުނު ފަށާނެކަން ވަނީ އިއުލާނުކޮށްފައެވެ.

އާރުޓީއެލް އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމެކެވެ. އެގޮތުން "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ފަށާފައިވާ ބޮޑު މަޝްރޫއެކެވެ.

ހދ. އަތޮޅަށް ރަސްމީކޮށް ޚިދުމަތް ދޭން ފެށުމުގެ ކުރިން މި ޚިދުމަތް ޓެސްޓުކުރުމުގެ ގޮތުން ހިލޭ ދަތުރުތަކެއް ކުރަން މީގެ ކުރިން ވަނީ ފަށާފައެވެ. ޕްލޭނިން މިނިސްޓްރީ އިން ބުނީ އާންމުންގެ ފަރާތުން އާރުޓީއެލްގެ ޚިދުމަތަށް ލިބެމުން އަންނަނީ ވަރަށް ޕޮޒިޓިވް ކޮމެންޓުތަކެއް ކަމަށާއި މާދަމާ ރަސްމީކޮށް ޚިދުމަތް ފަށާއިރު ކުރެވޭ ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށެވެ.

މިނިސްޓްރީން ބުނީ މި ޚިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ފަސޭހައަށް ވިސްނައި މި ޚިދުމަތަށް ޚާއްސަކޮށްގެން ފަރުމާކޮށް ބަނދެފައިވާ ފެރީތަކެއްކަމަށެެވެ.

އެގޮތުން 50 މީހުންގެ ޖާގައިގެ މި ފެރީގައި ދެ ސީޓު ޚާއްސަކުރެވިފައި ވަނީ ވީލް ޗެއާއަށެވެ. އަދި މި ޚިދުމަތަކީ ރާއްޖޭގެ ރަށްތަކުގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުވެ އިގްތިޞާދީ ގޮތުން ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޚިދުމަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެއް ވަނަ ޒޯނުގެ ހުރިހާ ރަށަކަށް އާރުޓީއެލްގެ ޚިދުމަތް ޖުލައި 26 ވަނަ ދުވަހުގެ ކުރިން ދޭން ފެށުމަކީ މިނިސްޓްރީގެ ޓާގެޓެއް ކަމަށެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށް ދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި ޚިދުމަތް އެންމެ އެކަށޭނެ ގޮތުގައި ބޭނުންކުރުމަށް އާރުޓީއެލްގެ އެޕް ގެ ނަމުގައި ވަނީ އެޕެއް ނެރެފައެވެ. އެ އެޕަކީ ޓިކެޓު ނެގުމަށާއި މި ޚިދުމަތާ ގުޅޭ އެހެނިހެން ހުރިހާ ކަމެއްވެސް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕެއެކެވެ.

އާރުޓީއެލް ފެށުމާ އެކު ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލަދެން ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމުގެ ފެށުމަކަށް ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއި އިތުބާރާއެކު އެއްރަށުން އަނެއް ރަށަށް އަތްފޯރާ އަގެއްގައި ދަތުރުކޮށް އުޅެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް