ސަލަފުން އިންތިޒާމު ކުރި "އަލީ ރަމީޒާއެކު" އިވެންޓަށް ހުރަސްއަޅައިފި

ސަލަފުގެ "އަލީ ރަމީޒާއެކު" އިވެންޓުގެ ޕޯސްޓާ --- ފޮޓޯ/ ސަލަފް

ޖަމިއްޔަތުއް ސަލަފުން ޒުވާނުންނަށް އަމާޒުކޮށްގެން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވުމަށް ހަމަޖާއްސާފައި އޮތް "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގައި އެ އިވެންޓަށް ހުރަސް އަޅައިފައިވާ ކަމަށް އެ ޖަމިިއްޔާއިން ބުނެފިއެވެ.

ސަލަފުގެ ދައުވާ ކޯޑިނޭޓަރު އައްޝައިޚް މުޖުތަބާ މިއަދު "ސަން"އަށް ވިދާޅުވީ އެންމެ ފުރަތަމަ އޮތީ އެ ރަށު ސުކޫލުގެ ހޯލު ދޫކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ކުއްލިއަކަށް ސުކޫލު ހޯލު ދެވެން ނެތް ކަން އެންގުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީ ތަކުގެ ކޮންގްރެސްތައް ވެސް ސުކޫލު ހޯލުގައި އެބަ ބާއްވާ. ވޯޓުވެސް އެބަ ލާ. މިއީ ކިޔެވުމާ ގުޅޭވެސް ކަމެއް ނޫން. އެހެންވީމަ ސުކޫލު ހަރަކާތްތަކުގެ ކަލަންޑަރުގައި ނުހިމެނޭ އިވެންޓަކަށް މިކަން ވާތީ ސުކޫލު ހޯލު ނުދެވޭނޭ ބުނުމަކީ ބަލައިގަނެވޭ ކަމެއް ނޫން. ކޮބައިތޯ ރަށު ކައުންސިލުތަކަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޮންނަން ޖެހޭ ބާރުތައް،" ޝެހިޚް މުޖުތަބާ ވިދާޅުވިއެވެ.

ގދ. ފަރެސްމާތޮޑާ ކައުންސިލު ހޯލުގައި ބޭއްވި ސަލަފުގެ "އަލީ ރަމީޒާއެކު" އިވެންޓުގެ ތެރެއިން --- ފޮޓޯ/ ފަރެސްމާތޮޑާ ކައުންސިލު

މިކަމާ ގުޅިގެން ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ އެންމެ ފުރަތަމަ ސަލަފުގެ އިވެންޓު ބާއްވަން ސުކޫލު ހޯލު ދޭން ނިންމި ކަމަށެވެ. ނަމަވެސް އިވެންޓު ބޭއްވުމަށް ސުކޫލު ހޯލު ދެވެން ނެތް ކަމަށް އެ ސުކޫލުން ނިންމީ އެ އިވެންޓަކީ އެ ސުކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައި ނުވާ އިވެންޓެއް ކަމަށްވާތީ ކަމަށް ބުނެއެވެ.

"މި އިވެންޓަކީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ހަމަޖެހުނު އިވެންޓެއް. އެންމެ ފުރަތަމަ އޯކޭ. އެކަމަކު ފަހުން ބުނީ އެކްޓިވިޓީ ކަލަންޑަރުގެ ނެތް ކަމަކަށްވާތީ ސުކޫލު ހޯލު ދެވެން ނެތިއްޔޭ. އެކަމު އޭރުންވެސް ވަރަށް އުނދަގޫ ވާނެ. އަހަރު ފެށޭއިރު ހުރިހާ ޑީޓެއިލްއެއް ދީފަ ބާއްވަން އުނދަގޫވާނެ ނޫންތޯ. އެހެންނޫނަސް މިއީ ކިޔެވުމާ ގުޅުން ހުރި ކަމެއް ވެސް ނޫން،" ނަސްރުﷲ ވިދާޅުވިއެވެ.

ގދ. ފަރެސްމާތޮޑާ ކައުންސިލު ހޯލުގައި ބޭއްވި ސަލަފުގެ "އަލީ ރަމީޒާއެކު" އިވެންޓުގެ ތެރެއިން --- ފޮޓޯ/ ފަރެސްމާތޮޑާ ކައުންސިލު

މިކަމާ ގުޅިގެން ފަރެސްމާތޮޑާ ސުކޫލުގެ ޕްރިންސިޕަލް މިއަދު "ސަން" އަށް ވިދާޅުވީ އަމިއްލަ ގޮތުން އެކަމަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އެކަމަށް އެއްޗެއް ބުނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަމިއްލަ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އެކަމަކު ކޮންމެ ކަމެއްގަވެސް ޕޮލިސީއެއް އޮންނާނެ ފޮލޯ ކުރަން ޖެހޭ. އަޅުގަނޑުމެންވެސް ފޮލޯ ކުރީ އެއަށް،" ޕްރިންސިޕަލް ވިދާޅުވިއެވެ.

މި އިވެންޓު އެންމެ ފަހުން ބާއްވާފައިވަނީ ފަރެސްމާތޮޑާގެ ކައުންސިލު ހޯލުގައެވެ.

މި އިވެންޓަކީ އަލީ ރަމީޒުގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރުމަށް ޒުވާނުންނަށް ޚާއްސަކޮށްގެން "އަލީ ރަމީޒާއެކު" ނަމުގައި ސަލަފުން ރާއްޖޭގެ އެކި ރަށްރަށުގައި މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާ އިވެންޓެކެވެ.

comment ކޮމެންޓް