ނިއުދިއްލީ (8 ޖޫން 2022): އިސްލާމް ދީނާ އެދީނުގެ ޝަޚްސިއްޔަތުތަކާ އަދި ޝިއާރުތަކާ ގުޅުވައިގެން ވާހަކައެއް ދައްކަން ޖެހިއްޖެނަމަ ވަރަށް ވިސްނުންތެރިކަމާއެކު އަދި ދޫ ރައްކާތެރި ކުރެވޭ ގޮތަކަށް ނޫނީ އެކަން ނުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޕާޓީކަމަށްވާ ބީޖޭޕީގެ ޒައާމަތުން އެޕާޓީގެ ގުނަވަންތަކަށާއި އެޕާޓީގެ އިސްފަރާތްތަކަށް އަންގައިފިއެވެ.
ބީޖޭޕީއާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އެޕާޓީގެ ޒައާމަތުން ވަނީ އެޕާޓީގެ އެންމެ އިސް ގުނަވަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ 30 މަސްއޫލުވެރިއަކަށާއި އެޕާޓީގެ ޓިކެޓްގައި އިންތިޚާބުވެފައިވާ އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނަށް، އިސްލާމް ދީނާ އެދީނުގެ ޝަޚްސިއްޔަތުތަކާ އަދި ޝިއާރަކާ ގުޅުވައިގެން ވާހަކައެއް ދައްކަން ޖެހިއްޖެނަމަ ވަރަށް ވިސްނުންތެރިކަމާއެކު އަދި ދޫ ރައްކާތެރި ކުރެވޭގޮތަކަށް ނޫނީ އެކަން ނުކުރުމަށް ރަސްމީކޮށް އަންގާފައެވެ.
މިއެންގުން އެންގި ފަރާތްތަކަކީ ބީޕޭޖީގެ ފަރާތުން އެކި އެކި ޓީވީ ޕްރޮގްރާމުތަކަށް އަރައި ވާހަކަދައްކާ ފަރާތްތައް ކަމަށްވެއެވެ. އިސްލާމް ދީނާ މެދު ކުޑައިމިސްބަހެއް އާންމުވާގޮތަކަށް ބުނުމުގެ ފުރުސަތު އޮތީ އެފަދަ ފަރާތްތަކަށް ކަމަށް ބީޖޭޕީގެ ޒައާމަތުން ދެކޭކަމަށް ޚަބަރުތައް ބުނެއެވެ.
ހިންދޫންގެ ބާތިލު ފިކުރުގައި ހައްދު ފަހަނަޅާފައިވާ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ ދެ މަސްއޫލުވެރިއެއް ކަމަށްވާ ނުޕޫރު ޝަރުމާ އާއި ނަވީން ކުމާރު ޖިންދާލް، ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާރަކޮށް އިހާނާތްކުރި ކުރި މައްސަލާގައި މުޅި އިސްލާމީ ދުނިޔެވަނީ އެޕާޓީއަށާއި އިންޑިއާ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ.
އަދި އިސްލާމީ އެތައް ގައުމުތަކަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ޚާރިޖީ ވުޒާރާތަކަށް ޙާޒިރުކޮށް އިހްތިޖާޖުގެ ހަރުކަށި ލިޔުންތައް އިންޑިއާގެ ސަފީރުންނާ ހަވާލުކޮށް މިކަމާ ގުޅިގެން މަޢާފަށް އެދުމަށް އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް ގޮވާލާފައެވެ. މިކަމުގެ ސަބަބުން އިންޑިއާ ސަރުކާރަށް ވަނީ ކުއްލި ސިހުމެއް ލިބި ކަންބޮޑުވެފައެވެ.
މިމައްސަލާގައި އެންމެ ފަހުން ޚާރިޖީ ވުޒާރާތަކަށް އިންޑިއާގެ ސަފީރުން ހާޒިރުކޮށް މިމައްސަލާގައި އިންޑިއާ ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރި ދެގައުމަކީ މެލޭޝިއާއާއި އިންޑޮނީޝިއެވެ.
ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކުރި މައްސަލާގައި އިސްލާމީ ދުނިޔެ މިހާބޮޑަށް ރުޅި އައިސް މުޅި އިސްލާމީ ދުނިޔެ އިންޑިއާއާ ދެކޮޅަށް ތެދުވުމުން ބީޖޭޕީ ހޫނު ފެނަށް ވެއްޓުނެވެ. މިއާއެކު މިކަމުން ސަލާމަތް ވުމަށް ބީޖޭޕީން ވަނީ ގައުމީ ތަރުޖަމާން ނުޕޫރު ޝަރުމާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށްފަހު ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ މީޑިއާ ބެހޭ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލް މަގާމުން ވަކިކޮށް ބަޔާނެއްވެސް ނެރެފައެވެ.
އެބަޔާނުގައި ބީޖޭޕީއަކީ ހުރިހާ ދީންތަކަކަށް އިހްތިރާމް ކުރާ ޕާޓީއެއްކަން ބަޔާންކޮށް އެއްވެސް ދީނެއްގެ ދީނީ ރަމްޒުތަކާއި ދީނީ ޝަޚުސިއްޔަތުތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީގެ އުސޫލެއް ނޫން ކަމަށް ބުނެފައިވެއެވެ.
މިމައްސަލާގައި މައާފަށް އެދުމަށް އެޕާޓީއާއި އަދި އެޕާޓީން ކޮންޓްރޯލްކުރާ އިންޑިއާ ސަރުކާރު އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ. މިމައްސަލާގައި މައާފް އެދެން ބީޖޭޕީއާއި އިންޑިއާ ސަރުކާރު ދެކޮޅު ހަދާތީ އިސްލާމީ އެތަށް ގައުމެއްގައި އެގަައުމުތަކުގެ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މިހާރުވަނީ އެގައުމުތަކުގެ ބާޒާރުތަކުގައިވާ އިންޑިއާގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ގޮވާލާ ކޭންޕޭންތަކެއް ހިންގަންފަށާފައެވެ. މިފަދަ ކޭންޕޭންތައް އިންޑިއާއާ ދެކޮޅަށް ފާޅުގައި ހިންގާ ގައުމުތަކުގެ ތެރޭގައި ކުވައިތު، ގަތަރު އަދި އިންޑޮނީޝިއާ ހިމެނެއެވެ.
ބީޖޭޕީ އަކީ އިންޑިއާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ހިންދޫންނަކީ މާމަތިވެރި އަދި މާމޮޅު ބައެއްކަމަށް ދެކޭ ހިންދޫ ހައްދުފަހަނަޅާފައިވާ ފިކުރެއް ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރު އިންޑިއާގައި ޕްރޮމޯޓްކޮށް މުޅި އިންޑިއާއަކީ ހިންދޫންގެ އެކަނި ތަނެއް ކަމަށް ގަދަބާރުން ހަދަން މަސައްކަތްކުރާ ހަރުކަށި ޕާޓީއެކެވެ.
މީގެއިތުރުން ހިންދޫންގެ ގައުމީ ހައްދުފަހަނަޅާފައިވާ "ވިޝްވާ ހިންދޫ ޕަރީޝާދު" ވީއެޗްޕީ ޖަމާއަތުގެ ފިކުރަކީވެސް ބީޖޭޕީން ޕްރޮމޯޓުކުރާ ފިކުރެކެވެ. މިއީ 1964 ވަނައަހަރު ހިންދޫންގެ ހައްދުފަހަނަޅާފައިވާ މީހެއްކަމަށްވާ އެސް ގޮލްވާކާ އާއި ސްވާމީ ޗިންމަޔަނަންދާ ގުޅިގެން އުފެއްދި ހިންދޫ ގައުމީ ޖަމާއަތުގެ ހަރުކަށި ފިކުރެވެ.
މިފިކުރުތަކަށް އިންޑިއާގެ ކުރީގެ ސަރުކާރުތަކުގައި ޖާގަ ލިބިފައިނެތުމުން އެފިކުރުތައް އޮތީ ވަޅުޖަހާފައެވެ. މިހަރުކަށި ފިކުރުތައް ޕްރޮމޯޓްކޮށް މުސްލިމުންނަށް އަނިޔާކޮށް މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ހަރުކަށި ހިންދޫންނަށް ލިބިގެން ދިޔައީ މިދެފިކުރަށް ތަބައަވާ ބީޖޭޕީގެ ވެރިކަމުގައެވެ.
ހިންދޫންގެ ހަރުކަށި މިފިކުރުތައް ފާޅުގައި ބީޖޭޕީން ޕްރޮމޯޓްކޮށް ޚާއްސަކޮށް މުސްލިމުންނަށާއި އަދި އާންމުކޮށް މުސްލިމް ނޫން އެހެން ޝަރީއަތްތަކުގެ މީހުންނަށްވެސް ގޯނާ ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ އެތެރޭގައި މިހާރުވަނީ ވަރަށް ބޮޑަށް ބިރުވެރިކަން އުފެދި ގަޑުބަޑުވެ ބައިބައިވެ އެއްބައިވަންތަކަން ގެއްލިފައެވެ.
މިހާލަތު ބީޖޭޕީން ކުރިޔަށްގެންދާނަމަ އިންޑިއާގައި ވަކިވެގަތުމުގެ ރޫހު އުފެދި އިންޑިއާ ރޫޅިގެން ހިނގައިދާނެކަމުގެ އިންޒާރު އިންޑިއާގެ ބައެއް މުފައްކިރުންނާއި ބީޖޭޕީއާ އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ދެއްވާފައެވެ.