ކޮލަންބޯ (8 ޖޫން 2022) : ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ބޭނުންވާ 5 ބިލިޔަން ޑޮލަރު ހޯދުމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ކުރަމުން ގެންދާ މަޝްވަރާތައް ލަސްވަމުންދާތީއާއި އައިއެމްއެފްގެ ޝަރުތުތައް ބޮޑުކަމުން މިފައިސާ ޗައިނާއިން ހޯދުމުގެ މަސައްކަތް ސްރީލަންކާ ސަރުކާރުން ފަށަފައިފިއެވެ.
ސްރީލަންކާގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 5 ބިލިޔަން ޑޮލަރަށް ވާވަރަށް ފައިސާ ހޯދުމަށް ސްރީލަންކާ ސަރުކާރުން އެދެނު އެދުމަށް ޗައިނާވަނީ އެދެވޭ އިޖާބައެއް ދީފައެވެ. މި މަޝްވަރާތައް ފަންނީ ލެވެލްގައި ޗައިނާއާއި ސްރީލަންކާ އާ ދެމެދު މިހާރު ވަނީ ފަށާފައެވެ.
މަޝްވަރާތަކަށް ފަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ސްރީލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތި (5 ބިލިޔަނަށްވާ މިންވަރު) ޗައިނާއާއި އެ ނޫން ގައުމުތަކުން ގަތުމުގެ ފުރުސަތު ސްރީލަންކާއަށް ލިބިގެންދާނެއެވެ.
ފަސް ބިލިޔަން ޑޮލަރަށްވާ މި ފައިސާ ސްރީލަންކާއިން އަނބުރައި ޗައިނާއަށް ދައްކާގޮތަށް ހަމަޖައްސަނީ ދިގު މުއްދަތަކުންނެވެ. އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ސްރީލަންކާއަށް އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނެނީ ތެލާއި، ކައްކާ ގޭހާއި އެކިބާވަތުގެ ކާބޯތަކެއްޗާއި ބޭހާ އަދި ގަސްކާނާއެވެ.
ހައެއްކަ މަސް ދުވަހަށް ބޭނުންވާވަރުގެ މިތަކެތީގެ ބޮޑު ސްޓޮކެއް ކުރުމުއްދަތެއްގައި ލިބިއްޖެނަމަ މިހާރު ސްރީލަންކާ ވެއްޓިފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަނެވިދާނެ ކަމަށް އެ ގައުމުން ބުނެއެވެ. އައިއެމްއެފްއިން ހޯދަން ސްރީލަންކާ މަޝްވަރާ ކުރަމުން ގެންދިޔައީ 6 މަސްތެރޭގައި 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ. ނަމަވެސް މަޝްވަރާތަކަށް 5 މަސް ފާއިތުވެގެން ދިޔައިރުވެސް އަދި ލޯން ލިބޭނެ ދުވަހެއްވެސް ނޭންގެއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ސިރިސޭނާގެ ވެރިކަމުގައި ރަނިލް ބޮޑުވަޒީރަކަށް ހުންނަވައިގެން ސްރީލަންކާއާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަނީ
އިސްތިއުމާރީ ބާރުތަކުގެ ގޮތުގައި ދުނިޔެއަށް ނަން މަޝްހޫރު އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އައިއެމްއެފްއަކީ ލޯނުދިނުމުގެ ޝަރުތުތައް ވަރަށް ބޮޑު މާލީ މުއައްސަސާއެކެވެ.
ޝަރުތުތަކުގެ ތެރޭގައި ސަރުކާރުތަކުން ރައްޔިތުންނަށް ދޭ ސަބްސިޑީތައް ކަނޑާލުމާއި ސިއްހަތާބެހޭ އިޖުތިމާއީ ރައްކާތެރި ކަމުގެ ނިޒާމު އުވާލުމާއި ސިވިލްސާވިސްގެ ވަޒީފާތައް މަދުކުރުމާއި ސިޔާސީ ވަޒީފާތައް މަދުކުރުމާއި ސަރުކާރުގެ އިދާރީ ޚަރަދުތައް ކުޑަކުރުމާއި ޓެކްސްތައް ބޮޑުކުރުންފަދަ ސްރީލަންކާ ސަރުކާރަކަށް މިހާރު ބޯލަބަން ދަތި ޝަރުތުތައް ހިމެނެއެވެ.
ނަމަވެސް 5 ބިލިޔަން ޑޮލަރުގެ ބަދަލުގައި 3 ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަޝްވަރާތައް އައިއެމްއެފްއާއެކުވެސް ސްރީލަންކާ ސަރުކާރުން އަދިވެސް ކުރިޔަށް އެބަގެންދެއެވެ.
ޗައިނާއިން ލޯން ހޯދަން ގައުމުތައް މިހާލަތަށް ވެެއްޓޭކަށް އަދި ރައްޔިތުން މިހާ ހާލުގައި ޖައްސާކަށް ނުޖެހެއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވާގޮތުން މި އަހަރު ސްރީލަންކާގެ އިގުތިސާދީ ދުވެލި 3.5 އިންސައްތަ ދަށަށް ދާނެއެވެ. ނަމަވެސް ކޮވިޑުގެ ހާލަތުން އަރައިގަނެވި ސްރީލަންކާގެ ފަތުރުވެރިކަން މަޑުމަޑުން ކުރިއަރަން ފަށާފައިވުމާއެކު 5 ބިލިޔަން ޑޮލަރުގެ ބޮޑުލޯނު 6 މަސްތެރޭގައި ލިބިއްޖެނަމަ ދަރަނި މެނޭޖްކުރުމުގެ ހަރުދަނާ ފިޔަވަޅުތަކަކާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަނެވޭނެ ކަމަށް ރަނިލް ވިދާޅުވިއެވެ.
ރަނިލް ވިދާޅުވެފައިވާ ގޮތުގައި ތެޔޮގަތުމަށް 3.2 ބިލިޔަން ޑޮލަރު ކާބޯތަކެތި ގަތުމަށް 900 މިލިޔަން ޑޮލަރު ކައްކާ ގޭހާއި ގަސްކާނާއާއި ބޭހަށް 900 މިލިޔަން ޑޮލަރު ބޭނުންވާނެއެވެ.
ޗައިނާއިން 5 ބިލިޔަން ޑޮލަރުގެ ލުއިލޯނެއް ހޯދިނަމަވެސް އައިއެމްއެފްއިން 3 ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަޝްވަރާތައް ސްރީލަންކާއިން ކުރިޔަށް ގެންދެއެވެ. ނަމަވެސް އައިއެމްއެފްގެ ޝަރުތައް ފުރިހަމަ ކުރެވެން އަންނަނީ ޗައިނާއިން ހޯދުމަށް މަސައްކަތްކުރާ ބިޔަ ލޯނާއެކު ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެވި ކޮޅަށް ތެދުވެވޭ ވަރުވެގެންކަމަށް ސްރީލަންކާ ސަރުކާރުން ދެކެވެ.
މިހާރުވެސް އިންޑިއާ، ޗައިނާ، ޖަޕާން އަދި ބަންގްލަދޭޝްފަދަ ގައުމުތަކުން ސްރީލަންކާއަށް ހިލޭ އެހީތައް ފޯރުކޮށްދެމުން ގެންދެއެވެ.