އެމްއެސްއެސްގެ ބަލްކް ކެރިއާ "ކްރޯމް" ރާއްޖެ އައިސްފި

"އެމްއެސްއެސް ކްރޯމް" މާލޭ ބަނދަރަށް ފުރަތަމަ ފަހަރަށް ލަފަނީ --- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބަލްކް ކެރިއާ "އެމްއެސްއެސް ކްރޯމް"ގެ ފުރަތަމަ ދަތުރުގައި މާލެއަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އައިސްފިއެވެ.

ތޭވީސް ފަޅުވެރިންނާއެކު މިއަދު ރާއްޖެއައި ބޯޓު އައީ 41،500 މެޓްރިކް ޓަނުގެ ވެއްޔާއި، ހިލަވެލީގެ ޝިޕްމަންޓެއް ޔޫއޭއީގެ ފުޖައިރާ ބަނދަރުން ބަރުކޮށްގެންނެވެ. އެ ބޯޓަކީ ޖުމްލަ 43,929 ޓަނުގެ މުދާ އުފުލޭ ވަރުގެ ބޯޓެކެވެ.

ޖުމްލަ ދިގުމިނުގައި 190 މީޓަރު، ފުޅާ މިނުގައި 30.5 މީޓަރު އަދި ފުންމިނުގައި 16.6 މީޓަރު ހުންނަ އެ ބޯޑަކީ މިހާތަނަށް ދިވެހި ދިދައެއް ނެގި އެންމެ ބޮޑު ބޯޓެވެ.

އެމްއެސްއެސް އިން މިހާރު ވެސް އަންނަނީ "އެމްއެސްއެސް ގަލޭނާ" ކޮންޓޭނަރު ބޯޓުގެ ދަތުރުތައް މާލެއާއި، ކޮޅުނބާ ދެމެދު ކުރަމުންނެވެ. އެއީ 680 ކޮންޓޭނަރުގެ ބޯޓެކެވެ.

މީގެ އިތުރުން، އެ ކުންފުނިން އަލަށް ގަތް "އެމްއެސްއެސް ގްރެފީން" ބޯޓާއެކު، ސިންގަޕޫރު އަދި މެލޭޝިއާގެ ކެލާންގް ބަނދަރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ބޯޓަކީ ވެސް 680 ކޮންޓޭނަރުގެ ބޯޓެކެވެ.

ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެދުނު އެމްއެސްއެސްއިން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވަދެ، ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއީ 331 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް