ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ސިޔާމް ކުށްވެރިކުރައްވައިފި

މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލުން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ކުށްވެރި ކުރައްވައިފިއެވެ.

ސިޔާމް ވިދާޅުވީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ދީނާ މެދު ނަފްރަތު ފަތުރާ މީހުންގެ އެފަދަ ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށާއި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެޕާޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ. އަދި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި ދެވަނަ އޮފިޝަލު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

މީގެ އިތުރުން ދުނިޔޭގެ މުސްލިމު އެހެން ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް އަރަބި ގައުމުތަކުގެ ސަރުކާރުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ހާޒިރުކޮށް، އެ މައްސަލާގައި އިންޑިއާއިން މަޢާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް