ރަސޫލާއަށް ފުރައްސާރަ ކުރުން ބަލައެއްނުގަނެވޭ، މުސްލިމުންގެ ކިބައިން ބީޖޭޕީ މައާފަށް އެދެންޖެހޭ: އެމްއެންޕީ

އެމްއެންޕީގެ ވަގުތީ ލީޑަރާއި އެ ޕާޓީގެ ނައިބު ރައީސް އަޙުމަދު އުޝާމް -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ގައުމީ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ބަލައިނުގަނެވޭ ކަމަށާއި އެ ޕާޓީން ހުރިހައި މުސްލިމުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާގެ އަމަލު ކުށްވެރިކޮށް އެމްއެންޕީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރަސޫލާއަށް ފުރައްސާރަކޮށް، ބަދުބަސް ބުނެ އަދި ތައުހީނުކުރުމުން ކަންބޮޑުވާކަމަށެވެ. ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ބީޖޭޕީ ވާންޖެހޭނީ އިސްލާމްދީން ޝާމިލުވާހެން ހުރިހާ ދީނަކަށްވެސް އިޙުތިރާމުކުރާ ޕާޓިއަކަށް ކަމަށް އެ ބަޔާނުގައިވެއެވެ.

"ބުއްދިވެެރިކަމާއެކު މަސައްކަތްކޮށް ނުރަނގަޅު ކަންކަމަށް އިޙުތިރާމާއެކު ނޫނެކޭ ބުނެ، އިންޑިއާގެ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބީޖޭޕީއަށް ގޮވާލަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.

ބީޖޭޕީގެ ތަރުޖަމާނު އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އަދި އެކަލޭގެފާނަށް ނިސްބަތްކޮށް އިހާނެތި ބަސްބުނުގެ އަމަލު އެންމެ ހަރުކަށި އިބާރާތުން އެމްއެންޕީ އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބީޖޭޕީން ނުޕޫރު ޝަރުމާއާ މެދު ފިޔަވަޅު އެޅުމުން އެކަމަށް އެމްއެންޕީގެ ބަޔާނުގައި މަރުޚަބާކިއެވެ.

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މީގެ އިތުރުން ދުނިޔޭގެ މުސްލިމު އެހެން ގައުމުތަކުން ވެސް ވަނީ މިކަން ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް