އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ގައުމީ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ދޫކޮށްނުލާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުން ނޫސް ބަޔާނެއްގައި ވަނީ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއަށް ފުރައްސާރަކޮށް އަދި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ.
ހަމައެއާއެކު، ބީޖޭޕީގެ ތަރުޖަމާނުގެ ގޮތުގައި ހުރެ ނުޕޫރު ޝަރުމާ އެ ވާހަކަތައް ދެއްކުމުން އެއީ އެ ޕާޓީގެ ބަސް ކަމަށް ބެލެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ވާހަކަތަކަކީ އިންޑިއާގައި މިހާރު އިސްލާމް ދީނާ މެދު ނަފްރަތު އުފައްދާ މިންވަރާއި ނިޒާމީ ގޮތެއްގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މިންވަރު އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން، އިންޑިއާގައި މުސްލިމުންނާ މެދު މިހާރު ކަންކުރަމުންދާ ރަހުމުކުޑަ ގޮތްތަކަށް ހައްލެއް ގެނެސް އެ ގައުމުގެ މުސްލިމުންނަށް ދިރިއުޅެވޭނެ އަމާން މާހަލައުލެއް ގާއިމުކޮށްދެން އިދިކޮޅުން ވަނީ ބީޖޭޕީއަށް ގޮވާލާފައެވެ.
"ނުފޫރު ޝަރުމާގެ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކީ މުޅި މުސްލިމު އުއްމަތަށް ފުރައްސާރަކުރުން. ހުރިހާ މުސްލިމުން ހިތުގަ ޖެއްސުން،" އެ ބަޔާނުގައިވެއެވެ.
ވީމާޕީޕީއެމް ކޯލިޝަނުން އެ މައްސަލަ ދޫކޮށްނުލާނެ ކަމަށާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުސްލިމުންގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން ދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ނުފޫރު ޝަރުމާ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަށް މުސްލިމު އެހެން ގައުމުތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެ ވާހަކަތައް ކުށްވެރި ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.
އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ ނުޕޫރު ޝަރުމާ ޕާޓީން ސަސްޕެންޑުކޮށްފައެވެ. އަދި އެ ޕާޓީން ހުރިހާ ދީންތަކަށް އިޙްތިރާމް ކުރާ ކަމަށާއި އެއްވެސް ދީނެއްގެ ދީނީ ރަމްޒުތަކާއި ދީނީ ޝަޚުސިއްޔަތުތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީގެ އުސޫލެއް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ނަމަވެސް އެ ޕާޓީގެ އޮފިޝަލުން ދެއްކި ވާހަކައަށް މައާފަށް އެދި، އެފަދަ ކަމެއް އަލުން ނުހިންގާނެ ކަމުގެ ޔަގީންކަން ބީޖޭޕީން ދީފައެއްނުވެއެވެ.