ދިވެހީންނަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރު ބަދަލުކުރުން، އެނޫން ގޮތެއް ނެތް: ނާޒިމް

ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާޙީމް --- ސަން ފޮޓޯ

ރާއްޖެ މި އޮތީ ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށާއި ކަން މިހެން އޮތުމުން ދިވެހީންނަށް ހަމައެކަނި އޮތް ގޮތަކީ މި ސަރުކާރު ބަދަލު ކުރުން ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެ މި އޮތީ ވޭތުވެދިޔަ، 50 އަހަރުގެ ތެރޭގައި ވެސް ދިމާނުވާ ފަދަ ހިތާމަވެރި ހާލަތަކަށް ވެއްޓިފައި ކަމަށެވެ. ހަމައެއާއެކު ސަރުކާރުން ރައްޔިތުންނަށް ދޮގާ މަކަރު ހެދުމުގެ އިތުރުން ނާޤާބިލުކަން ވެސް އިންތިހާ ކަމަށް ވިދާޅުވިއެވެ.

"ދޮގާ، މަކަރާ، އޮޅުވާލުމާ، ނާޤާބިލުކަމާ މި ތިނެތި އެކުވީމަ ދެން މީގެން އުފަންވާނެ އެއްޗެއް ތިޔަބޭފުޅުންގެ ހިތަށް ގެންނަވާ. އެހާލަތުގައި ދިވެހީން މިތިބީ އިނގޭތޯ،" ނާޒިމް ވިދާޅުވިއެވެ.

"ދިވެހީންނަށް ހަމައެކަނި އޮތް ގޮތަކީ މި ސަރުކާރު ބަދަލު ކުރުން. އެނޫން އެއްވެސް ގޮތެއް ނެތް އިނގޭތޯ،"

ނާޒިމް ސިފަ ކުރެއްވި ގޮތުގައި ގައުމަކަށް ދިމާވާނެ އެންމެ ބޮޑު ބަދުނަސީބަކީ ރައްޔިތުންގެ ކަންކަމަށް ވައުދުވެ، އެ ވައުދަށް އިހުމާލުވާ ސަރުކާރެއް އައުމެވެ.

މި މަހުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި އެކިއެކި ކަންކަމުގައި ނެގި ލޯނުތަކާއެކު ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރާފައިވާކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ މިހާ ދަރަނިބޮޑުވި ތާރީޚެއް ދިވެހީން ހުވަފެނަކުން ވެސް ދެކެފައި ނުވާ ކަމަށެވެ.

"ދިވެހި ތާރީޚު ދެކެފައެއް ނެތް ފަސް އަހަރު ތެރޭގައި މިހާބޮޑު ދަރަނި "އެކިއުމުލޭޓް" ކުރި ސަރުކާރެއް. ދިވެހި ތާރީޚު ދެކެފައެއް ނެތް ދައުލަތުގެ ހަރުމުދާ މިހާ ގިނައިން ވިއްކި ސަރުކާރެއް. ދިވެހި ތާރީޚު ދެކެފައެއް ނެތް މިހާ ގިނައިން ދައުލަތުން ބަޔަކު ނާޖާއިޒު ގޮތުގައި ފައިސާ ޚަރަދުކުރި ސަރުކާރެއް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމު މި ދަނީ ބޮމެއް ގޮވާހެން ގޮވާން ކަމަށާއި މިކަން ހިނގުމުގެ ކުރީން ދިވެހީންނާއި ނޫސްވެރީންނާ އަދި ތައުލީމު ހާސިލު ކޮށްގެން ތިބި ފަރާތްތަކުން ކުރީ ސަފަށް ނުކުމެ، ބަސްބުނާ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް އަވަހަށް ފެށުމަށް ދިވެހީގެ ކިބައިން ނާޒިމް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައިގައި ނާޒިމް ވިދާޅުވީ އެ މައްސަލައަކީ ތަނެއްގައި އެކަނި އިނދެ، ފުންކޮށް ވިސްނާ ފިކުރުކޮށްފި މީހަކު ދެލޮލުން ކަރުނަ އަޅައި ވަރުގެ ބޮޑު، އެހާމެ ބިރުހުރި މައްސަލައެއް ކަމަށެވެ. މީގެ އިތުރުން އަމިއްލަ ފައިދާއާއި ޖާހާ، އަދި ތިމާގެ ޖީބު ބޮޑު ކުރުމަށް ޓަކައި ބޭރުގެ ގައުމަކަށް ދިވެހި ދައުލަތް ވިއްކާލަނީ ކަމަށާއި މިއީ ދިވެހީން ވިސްނާން ވެއްޖެކަމެއް ކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް