އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ގައުމީ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުށްވެރިކުރައްވައިފިއެވެ.
މިއަދު ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއާ ބެހޭ ގޮތުން ދެއްކި ވާހަކައިގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނެއް ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް އޭނާއާއި މުޅި ޖުމްހޫރީ ޕާޓީން ވެސް ކުށްވެރި ކުރާ ކަމަށް އެ ޓުވީޓުގައިވެއެވެ.
ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް އަދާލަތު ޕާޓީން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެ ޕާޓީން ރޭގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ ރަސޫލާގެ ކައިވެނިފުޅުތަކާ ގުޅޭގޮތުން ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި، އެކަލޭގެފާނުގެ ޝަޚުސިއްޔަތަށް ބަދުބަސްބުނެ، ތައުހީނުކުރުމުކީ މުޅި އިސްލާމީ އުންމަތާ ދެކޮޅު ކަމެއްކަމަށެވެ.
ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، އެތައް މިލިއަން މުސްލިމުންގެ ލޯތްބާއި ޣައިރު މުސްލިމުންގެ ލޯބި ވެސް ލިބިފައިވާ އެ ޝަޚުސިއްޔަތަށް ބަދު ބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލުކުރާނެ ކަމެއް ނޫންކަމަށް އެ ޕާޓީން ބުންޏެވެ.
އެ މައްސަލާގައި އިންޑިއާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްގެން އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ޚާރިޖީ ވުޒާރާތަކަށް ހާޒިރުކޮށް އިހްތިޖާޖުގެ ހަރުކަށި ލިޔުންތަކެއް އިންޑިއާގެ ސަފީރުންނާ ހަވާލުކޮށް، މިކަމާ ގުޅިގެން މަޢާފަށް އެދުމަށް އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް ގޮވާލާފައެވެ.
އިންޑިއާގެ ސަފީރުން ހާޒިރުކޮށް ބީޖޭޕީގެ ދަށު ދަރަޖައިގެ މި އަމަލު ބަލައި ނުގަނެވޭނެކަމާއި އެކަމަށް މަޢާފަށް އެދި އެފަދަ ކަމެއް ދެން ނުކުރާނެކަމުގެ ޔަގީންކަން ދޭން ޖެހޭކަން އިންޑިއާގެ ސަފީރުންނަށް އަންގައި އިހްތިޖާޖުގެ ހަރުކަށި ލިޔުންތައް ހަވާލުކުރި ގައުމުތަކުގެ ތެރޭގައި އީރާން، ގަތަރު، ސައޫދީ އަރަބިއާ، ކުވޭތު އަދި އޮމާން ހިމެނެއެވެ.
ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ބީޖޭޕީން ވަނީ ނުޕޫރު ޝަރުމާ ސަސްޕެންޑުކޮށްފައެވެ.