ޔޫކްރޭންގެ އެންޑްރީ ޔާމެލެންކޯ އަތުން ބައި ކޮޅަށް ވަން ގޯލަކުން ވޭލްސް މޮޅުވެ އެ ޓީމަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިއްޖެއެވެ.
މިރޭ ކާޑިފް ސިޓީ ސްޓޭޑިއަމްގައި ޔޫކްރޭން އާއި ވޭލްސް ބައްދަލުކުރި ޕްލޭއޮފް މެޗުން ވޭލްސް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗަކީ މޮޅުވާ ޓީމަކަށް ވޯލްޑްކަޕްގެ ޖާގައެއް ޔަގީންވާނެ މެޗަކަށް ވުމުން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ މޮޅުވާން މަސައްކަތް ކުރި މަންޒަރެވެ. ދެ ޓީމުގެ ފަރާތުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް މިރޭގެ މެޗުގައި ވަނީ ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ޔޫކްރޭންގެ ޔާމެލެންކޯ އަތުން ބައިކޮޅަށް ވަން ގޯލަކީ އެ މެޗުގައި ފެނުނު ހަމައެކަނި ގޯލެވެ. އެ ގޯލަކީ ވޭލްސްއަށް ލިބުނު ހިލޭ ޖެހުމެއް ޔޫކްރެއިންގެ އޭރިއާ ތެރެއަށް ނަގައިދިނުމުން ދިފާއު ކުރުމުގެ ތެރޭގައި އޭނާގެ ބޮލުގައި ޖެހިފައި ވަން ގޯލެކެވެ.
އެ ގޯލާއެކު އެ ޓީމަށް ވަނީ 64 އަހަރު ފަހުން ފުރަތަމަ ފަހަރަށް ވޯލްޑުކަޕެއް ކުޅުމުގެ ފުރުސަތު ލިބިފައެވެ. ވޯލްޑު ކަޕުގައި އެ ޓިމު ފެންނާނީ ގްރޫޕް ބީގެ މެޗުތަކުންނެވެ. އެ ގުރޫޕުގައި ވޭލްސްގެ އިތުރުން ހިމެނެނީ އިންގްލެންޑާއި އިރާންގެ އިތުރުން އެމެރިކާއެވެ.
މިއަހަރު ގަތަރުގައި ކުޅޭ ވޯލްޑްކަޕް އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ސެނެގާލްއާއި ނެދެލެންޑްސް ބައްދަލުކުރާ މެޗުން ވަނީ ފަށަން ހަމަޖެހިފައެވެ.