ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީންގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ތިމާވެށި ހިމާޔަތްކުރުމަށް ދިވެހީންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހައި ދިވެހީން ބައިވެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މިކަމަށް އެމަނިކުފާނު ގޮވާލައްވާފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސް، ވަނީ މިބިމުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ކުރާންޖެހޭ ކަމެއްކަމުގައި ވިދާޅުވެފައެވެ.

އެގޮތުން، ދިވެހީންގެ އަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށް ޓަކައި، މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް، ވިދާޅުވިގޮތުގައި، ތިމާވެށި ހިމާޔަތްކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެކެވެ. އަދި، ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ޤައުމެއް ވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަދި އެކަމަށް ޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ޤައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ޤުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުން ވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތަކާއި އެ ހައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާކަމުގައި ވިދާޅުވަމުން ރައީސް ވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށް ޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާއީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިކަން ހައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ޤައުމެއް ތަފާތުކުރެވެން ނެތްކަމަށާއި، މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރެވެން ނެތްކަމުގައި ރައީސް ވަނީ ހާމަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، އާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި، އެކަމަށް އޮތް އެންމެ މުހިންމު ހައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި އޭގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރާ ސަރަހައްދުތައް އިތުރުކުރުން ކަމުގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް