ގުދުރަތީ މާހައުލު ރައްކާތެރިކުރަން ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަމެއް: ޝައުނާ

ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ --- ފޮޓޯ/ ރައީސް އޮފިސް

ގުދުރަތީ މާހައުލު ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ރޭ ބެއްވި ޖަލްސާގައި ޝައުނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ. އަދި ތަރައްގީ ރާއްޖޭއަކަށް ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަކީ ނުހަނު ބޭނުންތެެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމަކީ އަލިއަޅުވާލަން ޖެހޭ މުހިންމު ކަމެއް. ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަން އެކި ލެވެލްތަކުގައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ --- ފޮޓޯ/ ރައީސް އޮފިސް

ޝައުނާ ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކުން އެންމެ ގިނައިން ފެންނަ އެއްޗަކީ ޕްލާސްޓިކް ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް އެކުލަވާލި ރޭވުމުގެ ދަށުން މިހާރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެކުރުން މަނާ 13 ބާވަތެއްގެ ޕްލާސްޓިކް ކަނޑައަޅައި އެ ސިޔާސަތު މިހާރު ސަރުކާރުން ތަންފީޒު ކުރަމުންދާ ކަމަށާއި އަންނަ އަހަރު ގޮނޑުދޮށްތަކުން ފެންނަ ޕްލާސްޓިކްގެ އަދަދު ބޮޑުތަނުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ގޮނޑޮދޮށްތަކާއި ފަރުތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަ. އަންނަ އަހަރު 13 ބާވަތެއްގެ ޕްލާސްޓިކް އެކީއެކައްޗަކަށްހެން ރާއްޖެ އެތެރެކުރުން މަނާވާނެ. ދެން ގޮނޑުދޮށްތަކުން ފެންނަ ޕްލާސްޓިކް މަދުވާނެ،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފިސް

ޝައުނާ އިތުރަށް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް ހުށަހެޅޭ ހުރިހާ ކަމެއް ކުރުމާ ދުރުވުން މުހިންމު ކަމަށާއި ފަރުދީ ފެންވަރުގައި ވެސް ގުދުރަތީ މާހައުލުގެ ރައްކާތެރި ކަމަށް ސަމާލުކަމެއް ދީގެން އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް