ހިޔާލުތަފާތުވެ... ހއ. ދިއްދޫ ކައުންސިލް ހުއްޓިފައި އޮންނަތާ ހަތަރު މަސް

ހއ. ދިއްދޫ --- ފޮޓޯ/ ޕީއެސްއެމް

ކައުންސިލުން ނިންމަން ޖެހޭ ކަންކަމުގައި ކައުންސިލު ރައީސް ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމާ މެދު ޚިޔާލުތަފާތުވުން އުފެދި ހއ. ދިއްދޫ ކައުންސިލުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ހަތަރު މަސްވެެއްޖެއެވެ.

އެ ރަށު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ ކައުންސިލުގެ ޖަލްސާތައް ނުބާއްވާތާ ހަތަރު މަސްވެފައިވާ ކަމަށެވެ. އަދި އެއީ ހަމަ އެކަނި ދިމާވި އެންމެ ޚިޔާލުތަފާތުވުމަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ނުދާތާ ހަތަރު މަސް މިވީ. މި ހަމަ ސިޔާސީ ކަމެެއް. އެމީހުންގެ މި ނިންމުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއް" ޕީޕީއެމަށް ނިސްބަތްވާ ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކައުންސިލުން ނިންމަން ޖެހޭ ކަންކަމުގައި ކައުންސިލު ރައީސްގެ ބައިވެރިވުން އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް ފޮނުވި ކައުންސިލުތައް ހިންގާ ގަވައިދުގައި ބުނާ ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދިއްދޫ ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސް ގަވައިދު ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ އިސްލާހު ހުށަހެޅުއްވީ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ވަހީދުއެވެ. އެ އިސްލާހު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެންނެވެ.

މިކަމާ ގުޅިގެން ޢަބްދުﷲ ރަޝީދު ވިދާޅުވީ ހަތަރު ފަހަރެއްގެ މަތިން އެލްޖީއޭ އިން ވަނީ ކައުންސިލުގެ އިސްލާހު ބަދަލުކުރަން އަންގާފައި ކަމަށެވެ. ނަމަވެސް އެއީ ޑިމޮކްރެސީއާ ޚިލާފުވުން ކަމަށް ބުނެ އެލްޖީއޭގެ އެ އެންގުމަށް ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލުތަކުގެ ވެސް ބެލެނިވެރި ފަރާތަކީ އެލްޖީއޭ. އެމީހުން ހަތަރު ފަހަރު މަތިން އެންގުމުން ވެސް އެގޮތަށް އަމަލު ކޮށްފައެއް ނުވޭ. އެލްޖީއޭ އިން ވަނީ ކައުންސިލުގެ ރައީސްގެ ބައިވެރިވުން ނިންމާ ނިންމުންތަކުގަ އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގަ ފާހަގަކޮށްފަ،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމާ ހެދި ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި ކައުންސިލުގެ މަސައްކަތްތައް މަޑުޖެހިފަ އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ރޯޑު ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައިވާ އެ ރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެކަމުގެ ސަބަބުން ހުއްޓިފައިވާ ކަމަށް ކައުސިލްގެ ރައީސް ވިދާޅުވިއެވެ.

"ޕްލޭނިން މިނިސްޓްރީން ވަނީ މި ކައުންސިލަށް ސިޓީއަކުން އަންގާފައި ތާރުއެޅުމަށްޓަކައި ސައިޓް އަޅަން އާރްޑީސީއަށް ބިމެއް ދޭން. އެކަން ވެސް މަޑު ޖެހިފައިވަނީ މި ޚިޔާލުަފާތުވުންތަކުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީ،" ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

"ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކޮންމެ ކަމެއް މަޑު ޖެހިފަ. ކަންބޮޑުވޭ، ހިތާމަ ކުރަން. ކައުންސިލުގެ މެޖޯރިޓީ އޮތުމަކީ ޒިންމާދާރުކަން ކުޑަ އިސްލާހުތައް ގަނައުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މިކަމުގެ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން ސަރުކާރުގެ އެހެން މުއަސަސާތަށް ސިޓީ ފޮނުވާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ.

comment ކޮމެންޓް