ނައިބު ރައީސް ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ނޯ ވެހިކަލް އަވާ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ އިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.