ދ. އަތޮޅު މަދަރުސާއިން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދީފި

ދ. އަތޮޅު މަދަރުސާގެ 2020/21ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަށް، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އިނާމް ހަވާލުކުރައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

[ދ.މީދޫން] މިދިޔަ ދެ ދިރާސީ އަހަރު ދ. އަތޮޅު މަދަރުސާއިން މަތީ ވަނަތައް ހާސިލުކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، އިނާމާއި ހަނދާނީ ލިޔުން ދީފިއެވެ.

މިރޭ އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވަނީީ ވަކިވަކި މާއްދާތަކުން އެންމެ މަތީ ވަނަ ހާސިލުކުރި ދަރިވަރުންނާއި، ކުލާސްތަކުން އެއްވަނަ ހޯދި ދަރިވަރުންގެ އިތުރުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދީފައެވެ. މީގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ހޯދައި ދިން މުދައްރިސުންގެ އަގުވަޒަންކޮށް ވެސް އިނާމު ދީފައިވެއެވެ.

މި ޖަލްސާގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މަގޫދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޙަމީދެވެ.

ދ އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސާނަވީ ދަރިވަރުންގެ ތެރެއިން 2019ވަނަ އަހަރު، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އިސްމާޢީލް ނައުޝް ޙުސައިނެވެ. އަދި އެ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސުމާ ރަޝީދެވެ.

މީގެ އިތުރުން، 2020/21 ވަނަ އަހަރު މަތީ ސާނަވީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ލުބާނާ އަޙުމަދެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޖަމީލް ވަނީ މަތީވަނަތައް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ސްކޫލަށް އެކި ގޮތްގޮތުން އެކި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

ދ އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން އެ ސުކޫލުގެ ޕްރިންސިޕަލް އައިމިނަތު ޖަމީލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްަމަދު ހައްޔާން

ދ. އަތޮޅު މަދަރުސާ އުފެދުނީ 1979ވަނަ އަހަރު ނޫރާނީ މަކްތަބުގެ ނަމުގައެވެ. ހަމަ އެ އަހަރު އެ ސްކޫލުގެ ނަން ވަނީ ދ. މީދޫ ސްކޫލަށް ބަދަލުކޮށްފައެވެ. ދޮޅު އަހަރެއްހާ ދުވަހު އެ ނަމުގައި ސްކޫލު ހިންގުމަށް ފަހު، 1984ވަނަ އަހަރު އެ ސްކޫލުގެ ނަން ދ. އަތޮޅު މަދަރުސާއަށް ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ އަހަރު ނިމުނު އިރު އެ ސްކޫލުގައި 229 ދަރިވަރުން ކިޔަވަމުން ދިޔައެވެ. އެ ސްކޫލުގެ ޖުމްލަ ފާސް އިންސައްތަ 2019ވަނަ އަހަރު ހުރީ 13.3ގައެވެ. އަދި، 2020/21 ވަނަ އަހަރު ފާސް އިންސައްތަ ހުރީ 44.4 ގައެވެ.

comment ކޮމެންޓް