ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އިމާރާތް ކުރަނީ

ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަޙުމަދު ހަމްދޫން ވިޝާންއެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.

މި މަޝްރޫއަށް ޚަރަދު ކުރާނީ ސަރުކާރުން މި އަހަރުގެ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުންނެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 48.2 މިލިއަން ރުފިޔާއެވެ.

ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ހައުސިން މިނިސްޓްރީ

މި ހައުސިން ޔުނިޓުތަށް ފަރުމާ ކޮށްފައި ވަނީ ދެ ފަންގިފިލާގެ ރޯހައުސް ގޮތަށެވެ. ކޮންމެ ހައުސިން ޔުނިޓެއްގެ ބިލްޑް އަޕް އޭރިއާގައި 700 އަކަ ފޫޓު ހުންނާނެއެވެ. ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރި އާއި ތިން ފާޚަނާ އާއި ސިޓިންރޫމެވެ. އަދި ބަދިގެ އާއި ކާގެ އާއި ބެލްކަންޏާއި ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހުރެއެވެ.

މީގެ އިތުރުން މި ޔުނިޓުތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލިކުރާނެއެވެ. އަދި ޕާކެއް ހަދައި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމު ކުރަން ވަނީ ނިންމާފައެވެ.

ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ

އެ ކުންފުންޏާ އެ މަޝްރޫޢު ހަވާލުކުރީ 270 ދުވަސް ތެރޭ ނިންމާގޮތަށެވެ.

comment ކޮމެންޓް