ހައްގުތައް ކަށަވަރު ނުކުރެވޭތީ ކަމަށް ބުނެ އޭކޭގެ އެންއެސްޕީ، އުފެއްދުން މަޑުޖައްސާލައިފި

ކުރީގެ ހޯމް މިނިސްޓަރު ޢަންދުﷲ ކަމާލުއްދީން -- ފޮޓޯ ސަން

ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރު ނުކުރެވޭތީ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު، ޢަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ، ހުންނަވައި "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރެއްވި މަސައްކަތް މަޑުޖައްސާލައިފިއެވެ.

މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން އީސީއަށް ހުށަހެޅީ މިދިޔަ އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ.

އެއަށްފަހު، ޕާޓީ ރަޖިސްޓްރީ ކުރުމަށް ޓަކައި ކުރާންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ ހަމަ އެ އަހަރުގެ އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގައެވެ.

މި ޕާޓީ އުފެއްދުމުގެ މަސައްކަތް މަޑުޖައްސާ ލެއްވިކަން ފާޅުކުރެއްވުމުގެ ގޮތުން "އޭކޭ، "ސަން"އަށް ވިދާޅުވީ ގާނޫނުގައި ބުނާގޮތަށް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ގޮމްޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކަން މިހެން އޮތުމުން، ގާނޫނު އަސާސީގައި ލިޔެފައި އޮންނަ ފަދަ މާހައުލެއް ފަހިވާ ދުހަކުން އަލުން އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނާ ގޮތަކަށް ނޫން އެކަން ހިނގަނީ. އެހެންވީމަ އެ މާއްދާގައި ބުނާ ގޮތަށް އެކަން ހިނގަން ފަށަންދެން އިހަށް ޕާޓީ އުފެއްދުން މަޑުކޮށްލީ،" އޭކޭ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (1) އިން ސިޔާސީ ޕާޓީ އުފައްދައި ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު ކޮންމެ ދިވެހި ރައްޔިތަކަށްމެ، ލިބިދީފައިވެއެވެ.

އެހެންކަމުން އޭކޭ ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދައި، ހިންގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީގައި ބުނެފައިވާ ބީދައިން އެއްވެސް ގައިދެއް ނެތި މުތުލަގު ގޮތެއްގައި ލިބިދީފައިވާ ކަމަށާއި އެހެނަސް މި ހައްޤު، އޭނާގެ އަތުން ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

އޭކޭ ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް މަޑުޖައްސާލިއިރު، އެމްއެންޕީ އާއި އެމްޓީޑީގެ އިތުރުން އެމްޑީއޭގެ މަސައްކަތްތައް ވެސް ވަރަށް ބާރު ދުވެލީގައި ކުރިއަށް އެބަ ގެންދާކަން ވެސް ވިސްނެވިން ކަމަށެވެ.

އޭނާ ވިދާޅުވީ އެންއެސްޕީ އުފެެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު ދެވަނަ މީހާ ވެސް މިއަދަކު ނެތް ކަމަށެވެ.

"އަޅުގަނޑު ހަދަން އުޅުނު ޕާޓީގައި އެންމެ އިސްކޮށް އަޅުގަނޑާއެކު އުޅުނު ކުއްޖާ ކައިރީގައި ވެސް ސަރުކާރު ވަޒީފާއެއް ދޭނަމޭ ބުނެގެން އެހެން ޕާޓީއަކުން ގެންގޮސްފި،" އޭކޭ ވިދާޅުވިއެވެ.

ސިޔާސީ އައު ޕާޓީއެއް އުފައްދަވާން އޭކޭ ކުރެއްވި ދަތުރުގައި މި ނޫންވެސް އިތުރު ހުރަސްތަކާ ކުރިމަތިލައްވަން މަޖުބޫރުވިއެވެ.

އެގޮތުން ޕާޓީ އުފައްދަވަން ހުށަހެޅުމުން، ސިޔާސީ ޕާޓީއެއް އުފައްދާން ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޯމު ބާތިލު ކުރިއެވެ. އެ ފޯމު ބާތިލް ކުރީ އޭނާ ކުރީން ހުންނެވި އެމްއާރްއެމްގައި ނަން އޮތުމުންނެވެ.

މި މައްސަލައިގައި އެޕާޓީން ބުނީ އެ ޕާޓީގެ ދަފްތަރުން އޭކޭގެ ނަން ވަކިނުވެ، އޮތީ އިދާރީ ގޮތުން ކުރާން ޖެހޭ ބައެއް ކަންކަން ނުވެ އޮތުމުގެ ސަބަބުން ކަމަށެވެ.

ރައީސް މައުމޫނުގެ އެމްއާރުއެމް، އުފެއްދުމުގެ މަސައްކަތުގައި ވެސް ދައުރެއް އަދާ ކުރެއްވި، އޭކޭ ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް މަޑުޖައްސާލިއެއް ކަމަކު، ގައުމުގެ ކަންކަން މިިދާ ގޮތުން ހިތްހަމަނުޖެހިފައި ތިބި އެތައް ރައްޔިތުންނެއް އެބައުޅޭ ކަމަށެވެ.

އެހެންކަމުން އެ ފަދަ މީހުންގެ އަޑު، ކޮންމެވެސް އެހެން ގޮތަކުން އިއްވޭތޯ ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް