ޖަމާލުއްދީންގައި ހިންގަން އުޅުނު މާރާމާރީއާ ގުޅިގެން ފިޔަވަޅެއް އަޅަން ނުނިންމާ

ޖަމާލުއްދީން ސްކޫލް --

ޖަމާލުއްދީން ސުކޫލުގައި ހިންގަން އުޅުނު މާރާމާރީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅަން އަދި ނިންމާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވަޅި ހިފައިގެން ހުރި މީހަކު ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި މި މަހުގެ 24 ވަނަ ދުވަހު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ހަމަ އެދުވަހު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު މިއަދު "ސަން"އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި އާޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތަހުގީގު ދަނީ ކުރިއަށް. ބަޔާން ނަގަން ޖެހޭ މީހުންގެ ބަޔާން ވެސް މިދަނީ ނަގަމުން. ސަޑަން އިންސިޑެންޓެއް ވީމަ އަދި އެއްވެސް ފިޔަވަޅެއް މިކަމާ ގުޅިގެނެއް ނާޅަން،" ޔޫނުސް ވިދާޅުވިއެވެ.

އެ މައްސަލާގައި އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅާނީ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫނުސް ވިދާޅުވީ ސުކޫލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ ފުލުހުން ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއް ކަމަށާއި އަބަދުވެސް ސުކޫލުތަކުގެ އިސްވެރިންނާ މަޝްވަރާ ކޮށްގެން ކުދިންގެ ރައްކާތެރިކަން ދަމައްޓަން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް