ސްކައުޓް ހަރަކާތް ފުޅާ ކޮށްފިނަމަ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދޭނެ: ރައީސް

66 ވަނަ ޤައުމީ ސްކައުޓް ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ، ރާއްޖޭގެ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 66 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތްތައް އާންމު ގޮތެއްގައި ހިންގަނީ ހަމައެކަނި ސްކޫލް ކުދިންގެ މެދުގައި ކަމަށެވެ.

"ސްކައުޓެއްގެ ގޮތުގައި ކުދިން މިއުޅެނީ އުމުރުން 15 އަހަރު ވަންދެން، ނޫނީ ގްރޭޑް 10 ނިމެންދެން. އަދި ބައެއް ކުދިން އެބައުޅޭ 18 އަހަރު ފުރެންދެން، ނޫނީ ގްރޭޑް 12 ނިމެންދެން. އެއަށްފަހު އެ ކުދިންނަށް ސްކައުޓްގެ އެއްވެސް ހަރަކާތެއް އާންމުކޮށް ނޯވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުދިންނާމެދު އެންމެ ސަމާލުވާންޖެހޭ އުމުރުފުރާ ކަމަށް ވާއިރު އެއީ އެކުދިންގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބިންގާ އަޅައިދޭންޖެހޭ އުމުރު ކަމަށެވެ. ނަމަވެސް ސްކޫލް ނިންމުމަށްފަހު، ހުސްކަމެއްގެ ތެރެއަށް ބައެއް ކުދިން ދަމައިގަންނަ މަންޒަރު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

66 ވަނަ ޤައުމީ ސްކައުޓް ދުވަހުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެން މި ކިޔާ ގޯޅިއެޅުމުގެ ކަންތައް ފެށެނީ، ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރު ކުރިމަތިވާ ހުސްކަމުގެ ތެރެއިން."

މާދަމާ ގައުމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވާން ތިބޭނީ މިއަދުގެ ކުޑަކުދިންނާއި ޒުވާނުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހުސްކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހުމާއި، ގޭންގު ކުށްތަކަށް ދެވިހިފުންފަދަ، އިޖްތިމާއީ މައްސަލަތަކުގެ ތެރެއަށް ކުދިން ހުށަހެޅިގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ، އެފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުން ކަމަށެވެ. އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ގާބިލް ދަރިންތަކެއް އުފެއްދުން ކަމަށެވެ.

ސްކައުޓް ހަރަކާތް ބިނާވެފައި އޮންނަނީ، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގެ މައްޗަށް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދުނިޔޭގައި ސްކައުޓް ހަރަކާތް އެންމެ ފުރަތަމަ އުފަންކުރުވީ، ކޮން ފިކުރެއްގެ ތެރެއިންތޯ ބަލައިލުން މުހިންމު ކަމަށެވެ. އެގޮތުން ސްކައުޓް ހަރަކާތުގެ ބާނީ ލޯޑް ބޭޑްން ޕަވަލްގެ ބޭނުމަކަށް ވީ އިނގިރޭސި ސިފައިންގެ ތެރޭގައި ތިބި ޒުވާނުންތައް، ގްރޫޕުތަކަކަށް ބަހާލައިގެން އެމީހުންގެ ޖިސްމާނީ ގާބިލްކަމާއި ވިސްނުންތެރިކަން އިތުރުކޮށްދީގެން، އިނގިރޭސި ލަޝްކަރުގެ ހީވާގިކަން އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

66 ވަނަ ޤައުމީ ސްކައުޓް ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

"އެ ވިސްނުން ވަރަށް ކާމިޔާބު، އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު."

މިގައުމުގައި ވެސް އެފަދަ ހީވާގިކަމަށް ބޭނުންޖެހިފައި ތިބި ޒުވާނުންތަކެއް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގައުމުގައި ބާކީވެ ހާވިޔާވެގެން އުޅޭ ޒުވާނުންނަށް ސްކައުޓް ހަރަކާތްތައް އަމާޒުކުރެވިއްޖެނަމަ ވަރަށް ގިނަ ޒުވާނުން ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ކަމަށެވެ.

ވުމާއެކު ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ގައުމުގައި ހުރި ވަރަށް ގިނަ އިޖްތިމާއީ މައްސަލަތަކަށް ހައްލުތަކެއް ހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު ކުށްތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކަށްވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ."

ރައީސް ވިދާޅުވީ އެ ހަރަކާތަކީ ހެދިބޮޑުވަމުން އަންނަ ކޮންމެ ކުއްޖަކަށް ވެސް ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށާއި އެއީ ސްކައުޓުގެ މޮޓޯގައިވާ ފަދައިން، އަބަދުވެސް ތައްޔާރަށް ތިބުމުގެ ސިފަ ކުދިންގެ ކިބައިގައި ހަރުލައްވައިދޭ ހަރަކާތެއް ކަމަށެވެ.

"ކުރު ގޮތަކަށް ދަންނަވާ ނަމަ، މިއީ ދިރިއުޅުމުގެ މައިދާނަށް ކުދިން ތައްޔާރުކޮށްދޭ ހަރަކާތެއް. ވަކިވަކި ފަރުދުންތަކެއްގެ ގޮތުގައި ބޮޑުވަމުން އަންނައިރު، މުޖްތަމައުގެ ތެރޭގައި ޒިންމާ އަދާކުރުމަށް އެކުދިން ތައްޔާރުކޮށްދޭ ހަރަކާތެއްވެސްމެ."

ސްކައުޓް ހަރަކާތްތައް ރޭވިފައި އޮންނަ ގޮތުން ފަރުދީ މަސްއޫލިއްޔަތުތަކުގެ އިތުރުން އާއިލީ ޒިންމާތަކާއި، އިޖްތިމާއީ ޒިންމާތަކަށް ކުދިންގެ ސިކުނޑިތައް ވަރަށް ބޮޑަށް ހުޅުވިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

66 ވަނަ ޤައުމީ ސްކައުޓް ދުވަހުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އެފަދަ ކުދިންތަކެއް ތައްޔާރުކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމައުގެ ބަދަހިކަމާއި ހަމަޖެހުމާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތްތައް ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ދާއިމީ ގޮތެއްގައި ސްކައުޓް އޮފީސް ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. މީގެ އިތުރުން ކުދިން ކޭމްޕް ގޮސް، ޖަމްބަރީ ބޭއްވުމަށް ކުރިން އޮތްފަދަ ދަތުރުދާނެ ރަށެއް، ލަސްތަކެއް ނުވެ މާލެ ކައިރިން، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް