ކާމިޔާބު އަށް އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުގައި ހޭދަކުރުމަށް ފަހު ރޮބާޓް ލެވަންޑޯސްކީ އެ ޓީމުު ދޫކޮށްލާނެކަމަށް އޭނާ ބުނެފިއެވެ.
ޕޮލެންޑުން ވޭލްސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރު ވުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ޕޮލެންޑުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ ލެވަންޑޮސްކީ ބުނީ އޭނާ ބަޔާނުގައި ހޭދަކުރާނެ ވަގުތު މިހާރު ހަމަވެއްޖެކަމަށެވެ.
ލެވަންޑޮސްކީ ބުނީ އޭނާ މި ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްލަން ބޭނުންވާކަމަށާއި، ބަޔާނުން އޭނާ ހިފައްހައްޓަން މަސައްކަތް ނުކުރާނެކަމަށް އުންމީދު ކުރާކަމަށެވެ.
"އަހަރެން އުންމީދު ކުރަނީ ބަޔާނުން އަހަރެން ހިފަހައްޓަން ނޫޅޭނެކަމަށް. ސަބަބަކީ އެ ޓީމަށް އަހަރެން ހިފެހެއްޓުމުގެ ފުރުސަތު އޮތީމަ،" ލެވަންޑޮސްކީ ބުންޏެވެ.
އޭނާ އެހެން ބުނެފައިވަނީ އެނާ ބަޔާންއާއެކު ވެފައިވާ އެއްބަސްވުން އަދި ހަމަވުމަށް ބާކީ އެއް އަހަރު ދުވަސް އޮތުމުންނެވެ. ބަޔާނުން ބޭނުންނަމަ އެއް އަހަރު އޭނާ އެއްވެސް ޓީމަކަށް ދިޔަ ނުދީ ހިފެހެއްޓިދާނެއެވެ.
މިދިޔެ ދެ ސީޒަނުގައި 98 ގޯލު ޖެހި ލެވަންޑޮސްކީ އައިސްފައިވަނީ މިދިޔަ އަހަރުގެ ބެލެންޑޯ ދެވަނައަށެވެ. އޭނާ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 35 މެޗުގައި ވަނީ 34 ގޯލު ޖަހައިދީފައެވެ.
ލެވަންޑޮސްކީ އެ ޓީމު ދޫކޮށްލާނެކަން އިއުލާން ކުރި ހިސާބުން ގިނަ ޓީމު ތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ފަށައިފައެވެ. އޭގެ ތެރޭގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ބާސެލާނާ ފަދަ ކުލަބުތައް ހިމެނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެންމެ ދިޔުން ގާތީ ބާސެލޯއަށެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ވަނީ ބަސެލޯނާއިން ލެވަންޑޮސްކީ ހޯދުމަށް މަސައްކަތް ކުރާކަމަށް ބުނެފައެވެ. އޭނާ ހުރީ ޓީމެއްގެ ކޮންޓްރެކްޓެއްގައި ކަމަށާއި އޭނާ ހޯދުމަށް ފަސޭހަ ނުވާނެކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.
އުމުރުން 33 އަހަރުގެ ލެވަންޑޮސްކީ ބަޔާނާ ގުޅުނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަރޯޝިއާ ޑޯޓުމަންޑުންނެވެ. އޭނާ ބަޔާނުގައި ހޭދަކުރި އަހަރު ތަކުގައި އެ ޓީމަށް ވަނީ 253 މެޗު ކުޅެދީ 238 ގޯލު ޖަހައިދީފައެވެ.
މީގެ އިތުރުން އޭނާ ވަނީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގު ވެސް އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ. އެއްފަހަރު ފީފާ ކުލަބު ވޯލްޑު ކަޕު އުފުލާލައި އަށް ފަހަރު ޖަރުމަނު ބޮންޑަސްލީގާގެ ތަށި ވެސް ވަނީ އެ ޓީމާއެކު އުފުލާލައިފައެވެ.