ކަސްޓަމަރުންގެ ބޭނުންތަކަށް ބީއެމްއެލުން މަހަކު 20 މިލިއަން ޑޮލަރު ހޭދަވޭ

ބީއެމްއެލްގެ 2022ވަނަ އަހަރުގެ އޭޖީއެމްގައި އެމްޑީ، ޓިމް ސޯޔާ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ޙުސައިން

ކަސްޓަމަރުންގެ ބޭނުންތަކަށް ބީއެމްއެލުން މަހަކު 20 މިލިއަން ޑޮލަރު ހޭދަވާ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

މިރޭ ހޮޓެލް ޖެންގައި އޮތް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ ޓްރާންސެކްޝަންތައް ހެދުމަށް ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ ގިނަ ކަސްޓަމަރުންގެ ހިތް ހަމަ ނުޖެހުން އޮތް ކަމެއް ކަމަށެވެ.

އެ ލިމިޓް، އަވަސް މުސްތަގުބަލެއްގައި ބޮޑުކުރެވިދާނެ ކަމުގެ އިޝާރާތެއް މިރޭގެ ޖަލްސާގައި އޭނާ ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން [މިކަމުގައި] ހެޔޮ ޚަބަރެއް އަވަހަށް ދެވޭނެކަމަށް. އެކަމަކު ހަގީގަތަކީ ރުފިޔާގެ އަގު ޑޮލަރާއި ބަނދެވިފައިވާކަން، އަދި، ޓޫރިސްޓުން އަނބުރާ އަންނަން ފެށިނަމަ ވެސް ޑޮލަރުގެ ޕޮޒިޝަން ނާޒުކުކަން" އެމްޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު އެމެރިކާގެ މަރުކަޒީ ބޭންކުން އަޅަން ފެށި ފިޔަވަޅުތަކާއެކު، ދުނިޔޭގެ ޑޮލަރުގެ ބާޒާރުން ޓްރިލިއަނެއްހާ ޑޮލަރު މަދުވެފައިވާ ކަމަށާއި، މިކަން އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.

"[މި ހާލަތުގައި ވެސް] ކޮންމެ މަހަކު، ބީއެމްއެލުން މި ކުންފުނީގެ މަސައްކަތުން ހޯދާފައިވާ އާމްދަނީގެ ތެރެއިން 20 މިލިއަން ޑޮލަރު ރުފިޔާއަށް ބަދަލުކުރޭ." ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ އެމްޑީ ފާހަގަކުރެއްވި ގޮތުގައި އެ ފައިސާ އަކީ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)، ކްރެޑިޓް ކާޑު މުއާމަލާތްތައް އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އަމިއްލަ ބޭނުންތަކަށް ދޫކުރެވޭ ފައިސާއެވެ.

ރާއްޖޭގެ އެެހެން އެއްވެސް ބޭންކަކުން ރުފިޔާ އެކައުންޓަކުން ބޭރުގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ނުދޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"މި 20 މިލިއަން ޑޮލަރަށްޓަކައި ސީދާ އަޅުގަނޑަށް މަހެއްގެ ތެރޭ ލިބޭ ޝުކުރުގެ އަދަދަކީ ސުމެއް. ޝަކުވާގެ އަދަދު އުޅެނީ 100އިން މަތީގައި" ޓިމް ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓަކީ 250 ޑޮލަރެވެ. ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ކަނޑައަޅާފައިވަނީ 750 ޑޮލަރުގެ ލިމިޓެކެވެ.

comment ކޮމެންޓް