މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގޮންޖެހުންތަކެއް އެބަހުރި: ރައީސް

އުކުޅަހުގައި ކުރިއަށްގެންދެވުނު ''ވިއަވަތި'' ކޮންފަރެންސް ގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ދިމާވެފައިވާ އެއްމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގެ މައްސަލަ ހައްލު ކުރުމަށް ކޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި މިއަދު ބޭއްވި "ވިޔަވަތި" ކޮންފަރެންސް ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ އެ ކޮންފަރެސްގައި އެފަދަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

''މިކަމާ [މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ] ގުޅޭގޮތުން ކުރެވޭ މަޝްވަރާ ފުޅާކުރުން މުހިއްމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ، ނަތީޖާ އަވަސްވާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން،'' ރައީސް ވިދާޅުވިއެވެ.

އުކުޅަހުގައި މިއަދު ކުރިއަށްދިޔަ "ވިޔަވަތި'' ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ މައްސަލަތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

ރައީސް ވިދާޅުވީ ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުމާއި ކުރާ ނޭދެވޭ އަސަރަކީ ހިންގޭ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއް ކަމަށާއި ތަރައްގީގެ ބޭނުމުގައި ކުރާ ކަންކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަބޭފުޅުންގެ ވިސްނުމާއި މަޝްވަރާތައް އެމަގުން ގެންގޮސްދެއްވުން އަޅުގަނޑު އެދެން. މިކަމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލްތަކަށް," ރައީސް ވިދާޅުވިއެވެ.

އުކުޅަހުގައި މިއަދު ކުރިއަށްދިޔަ "ވިޔަވަތި'' ކޮންފަރެންސްގެ ތެރެއިން--ފޮޓޯ/ރައީސްއޮފީސް

ރައީސް ވިދާޅުވި ގޮތުގައި, މިއަދު ފެށޭ ކޮންފަރެންސަކީ މިފަދަ މައްސަލަތަކާ މެދު މަޝްވަރާ ކުރުމުގެ މަހައްލެކެވެ. އަދި އެއީ ހައްލު ހޯދައި ގޮތް ހޯދުމުގެ މަރުހަލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިވަގުތަށް ހޯދަންޖެހޭ ހުރިހާ ޖަވާބެއް ތިޔަބޭފުޅުންގެ މަޝްވަރާތަކުން ހޯއްދަވާނެ ކަމާމެދު ކުޑަވެސް ޝައްކެއް އަޅުގަނޑު ނުކުރަން. ހަމަ ޔަގީނުންވެސް ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށް އަޑުއަހައިގެން މެނުވީ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަކަށް އަޅުގަނޑު ނުދެކެން," ރައީސް ވިދާޅުވިއެވެ.

"ތިޔަބޭފުޅުންގެ މަޝްވަރާއާ ހިޔާލުފުޅުތަކުގެ ތެރެއިން ފޭދިގެން އަޅުގަނޑާ ހަމައަށް އަންނާނީ ރައްޔިތުން އެދޭ ގޮތް, އަޅުގަނޑު މިމަގާމުގައި މިހުރީ ރައްޔިތުންގެ އެދުމާއި އުންމީދާ އެއްގޮތަށް އެރައްޔިތުންގެ ކަންކަން ނިންމުން ނޫން އެހެން އެއްވެސް ބޭނުމަކު ނޫން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް