ވައްކަމުގެ މައްސަލަތައް ނ. ކެނދިކޮޅުދޫގައި އިތުރުވަމުންދާތީ އެ ރަށު ރައްޔިތުން ނިކުމެ މުޒާހަރާކުރުމުން، ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފް "ސަން" އަށް ވިދާޅުވީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވަނީ 28 އަހަރުގެ ފިރިހެނެެއް ކަމަށެވެ.
ރައޫފް ވިދާޅުވީ، އެ ޒުވާނާ އަކީ މީގެ ކުރިންވެސް ގެއަކުން 180،000 ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެއްކަމަށެވެ. އަދި އޭނާ މިހާރު ވަނީ އެކުށަށް އިއުތިރާފުވެސް ވެފައިމަށް ރައޫފް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ އަދިވެސް އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހިސާބުން މަޑުޖެހިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައިސާގެ ބޭނުމުގައި ސަލާންޖަހައި ރައްޔިތުންނަށް ބިރު ދައްކާ މައްސަލަތައް އެރަށުގައި އިތުރުވަމުންދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ވައްކަން ކުރުން މިރަށުގައި ވަރަށް ގިނަ ވެއްޖެ. ރައްޔިތުން ރޭ މުޒާހަރާ ކުރީ މިކަމަށް ހައްލެއް ލިބޭ ކަމަށް ރައްޔިތުންނަށް ނުފެންނާތީ،" ރައޫފް ވިދާޅުވިއެވެ.
ރައޫފް ވިދާޅުވި ގޮތުގައި މި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެއެވެ. އެރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމްވެފައި ނެތުމުން އެފަދަ މައްސަލަތައް ބެލުމަށް ދަތިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައޫފް ވިދާޅުވިއެވެ.
ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރައްޔިތުން ބިރުގަންނަ ވަރަށް ކެނދިކުޅުދޫގައި ވައްކަމާއި ބިރުދެއްކުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.