ހުޅުމާލޭގެ ބައެއް މަގުތައް މާދަމާ ދޮޅު ގަޑިއިރަށް ބަންދުކުރަނީ

ހުޅުމާލޭ ފިތުރޯނު މަގު --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑެތި ބައެއް މަގުތައް މާދަމާ ދޮޅު ގަޑި އިރަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިގޮތަށް ނިންމާފައި ވަނީ ރެޑްކްރެސެންޓްގެ ފަރާތުން "ހެޔޮހިތުން ރަން"ގެ ނަމުގައި ދުވުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިފައިވާތީ ކަމަށް ފުލުހުންގެ ޓުވީޓުގައި ވަނީ ބުނެފައެވެ. އެގޮތުން މާދަމާ ހެނދުނު 6:00އިން 7:30އާ ހަމައަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ގަޑީގައި މަގުތައް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓުވީޓުގައި ފެންނަ މަގުތަކުގައިވާ ގޮތުން މާދަމާ ބަންދު ކުރަން ހަމަޖެހިފައިވަނީ ޗަނބޭލީ މަގާއި، ފިތުރޯނު މަގާއި ހަނދުވަރީ ހިނގުމެވެ.

މީގެ އިތުރުން މި ގަޑީގައި ބައެއް މަގުތަކުގެ ވަކިވަކި ސަރަހައްދުތައް ވެސް ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ހުވަނދުމާ ހިނގުމާއި، ކުރެނދިމާ ހިނގުމާއި، ސައިމާ ހިނގުމާއި، އަސުރުމާ ހިނގުމާއި، ނިރޮޅުމަގާއި، ހިތިގަސް މަގު އަދި ރީތި ގަސް މަގުގެ ވަކި ސަރަހައްދެއް ބަންދުވާނެ ކަމަށް ފުލުހުން ޓުވީޓު ކޮށްފައިވާ ޗާޓުން ދައްކައެވެ.

ރެޑް ކްރެސެންޓުން މާދަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދުވުމުގެ ފެށުމާއި ނިމުން ވެސް އޮންނާނީ ސެންޓްރަލް ޕާކުގައެވެ.

ހެޔޮހިތުން ގެ ނަމުގައި ބާއްވާ އެ ދުވުމުގެ ހަރަކާތަކީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތެކެވެ.

comment ކޮމެންޓް