ސަދާގެ މަރަށް މަދަނީ ބަދަލު ހޯދަން އާއިލާއިން ދައުވާކުރަނީ

ފަސް އަހަރުގެ ސަދާ: އިހުމާލުވި މީހުންނަށް ޖިނާއީ ތަހުގީގެއް ހިންގަން ވަނީ އެދިފައި

ކުއްލި ގޮތަކަށް މަރުވި އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމަށް އާއިލާއިން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ސަދާ މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އާއިލާއިން އޭރު ތުހުމަތުކުރީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

އެ އާއިލާއިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ މަރުގެ ބަދަލު ހޯދުމުގެ ހައްގު އާއިލާއަށް ލިބިގެންވާ ކަމަށް ނިންމާފައެވެ.

އެ އާއިލާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ވަކީލާ މަރިޔަމް ޝުނާނާއެވެ.

ޝުނާނާ މިއަދު "ސަން"އަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މެޑިކަލް ކައުންސިލަށް ވާނީ ސަދާގެ މަރުގެ ރިޕޯޓު ހޯދުމަށް ވެސް ހުށަހަޅާފަ. އުއްމީދުކުރަނީ ވަރަށް އަވަހަށް ޖަވާބެއް ލިބިގެންދާމެކަމަށް،" ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ އިތުރަށް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ދިރާާސާތައްކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު މައްސަލަ ހުށަހެޅޭވަރު ވާނީ އަންނަ މަހުގެ 15 ހިސާބުގައިކަމަށެވެ.

"މިފަދަ މައްސަލަތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، ހާއްސަ ގޮތެއްގައި މެޑިކަލް އެކްސްޕާޓް އެވިޑެންސް ވަރަށް ބޮޑު ދައުރެެއް އަދާކުރާނެ ހެކީގެ ގޮތުގައި،" ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި މެޑިކަލް ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުން ލަސްވެފައިވަނީ މެޑިކަލް ކައުންސިލްގެ ޖަވާބު ލިބުން ލަސްވާތީ ކަމަށާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މެޑިކަލް ކައުންސިލަށް ހުށަހަޅާފައިވާ ސިޓީތަކުގެ ޖަވާބު ވެސް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓް ނުލިބުނު ނަމަވެސް މި މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ސަދާގެ މަރު ތަހުގީގު ކުރުމަށް ފަހު އެޗްއާރުސީއެމުން ސަދާގެ ބައްޕަ ސައުދުﷲ ޙަސަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް އެ މައްސަލަ ހުށަހެޅުމުން، ސަދާގެ މަރުގައި އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ފަރުވާ ދިނީ ކުއްޖާގެ ކުރީގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ނުބަލައި ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުއްޖާ އޮތް ހާލަތުގައި ވަގުތުން ފަރުވާ ދޭންޖެހޭ އިރު ވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް