ސްޓޮކް ދަށްވުމުގެ ބިރާއެކު އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރާ މިންވަރު މަދުކޮށްލަނީ

ނިއުދިއްލީ (26 މޭ 2022): އިންޑިއާއިން ހަކުރު އެކްސްޕޯޓް ކުރާ މިންވަރު މަދުކުރުމަށް ނިންމާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިންޑިއާ ވަނީ ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ގާތްގަަނޑަކަށް ދެބައި ކުޅަ އެއްބައަށް މަދުކުރަން ނިންމާފައެވެ. އަންނަ މަހުގެ ތެރޭގައި އެކަން ތަންފީޒުކުރަން ފަށާނެއެވެ.

މި ރިޕޯޓްތަކަށް ކޮމެންޓް ކުރުމަށް އިންޑިއާގެ ކާބޯތަކެއްޗާބެހޭ ވުޒާރާއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ފަސްޖެހިފައިވީ ނަމަވެސް އެ ދެ ވުޒާރާއިން ވެސް މިކަން ދޮގުކޮށްފައެއް ނުވެއެވެ.

އިންޑިއާއަކީ ބްރަޒިލް ފިޔަވައި ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ އަދި އެކްސްޕޯޓްކުރާ ގައުމެވެ. ދުނިޔޭގައި ހަކުރާއި ހަކުރުގެ ބާވަތްތައް އެންމެ ގިނައިން އުފައްދައި އެކްސްޕޯޓް ކުރާ ފަސްގައުމަކީ ބްރަޒީލް، އިންޑިއާ، ތައިލެންޑް، ފަރަންސޭސިވިލާތް، އަދި ޖަރުމަނެވެ. ދުނިޔޭގައި އެކްސްޕޯޓްކުރާ ހަކުރުގެ 64 އިންސައްތަ ހިއްސާކުރަނީ މި ފަސް ގައުމުންނެވެ.

އިންޑިއާގެ އުއްދަނޑި ހައްދާ ދަނޑެއް

އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްކުރަން އެގައުމު ނިންމާފައިވަނީ އިންޑިއާގެ އުއްދަނޑި ހައްދާ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ހަކަރުގެ ސްޓޮކް މަދުވުމުންނެވެ. އިންޑިއާގެ އުއްދަނޑި ހައްދާ މޫސުން ފެށޭނީ އަންނަ އޮކްޓޯބަރުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިގޮތަށް ނިންމީ އޮކްޓޯބަރާ ހަމައަށް ހުރި ސްޓޮކް މަދުވުމުން އިންޑިއާ ރައްޔިތުންގެ ފުޑް ސެކިއުރިޓީއަށް ލޮޅުމެއް އަރާފާނެ ކަމުގެ ބިރަށެވެ. ނަމަވެސް މި ނިންމުން ތަންފީޒު ކުރާ ތާރީޚެއް އެމަސްދަރުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން މީގެ ދެ ހަފްތާ ކުރިން ވަނީ އާދައިގެ ގޮދަންފުށާއި އެންމެ ކޮލިޓީ ގޮދަންފުށް ހިމެނޭ ގޮތަށް ގޮދަނުގެ ހުރިހާ ބާވަތެއް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔެއަށްވަނީ ސިހުން ލިބިފައެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާވާ އަވަށްޓެރި ގައުމުތަކަށާއި އިންޑިއާގެ ޒަމާންވީ ވިޔަފާރީގެ ބައިވެރިންނަށާއި ކާބޯތަކެތީގެ ދަތިކަން ފޯރާ ގައުމުތަކަށް ގޮދަނާއި ގޮދަން ފުށް ވިއްކާނެކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

އިންޑިއާގެ ހަކުރަށް އެންމެ ބޮޑަށް ބަރޯސާވާ ގައުމުތަކަކީ ބަންގްލަދޭޝް، އިންޑޮނީޝިއާ، މެލޭޝިއާ އަދި ޔޫއޭއީއެވެ. ނަމަވެސް އެނޫން އެތައް ގައުމަކަށް އިންޑިއާ ހަކުރު އެކްސްޕޯޓް ކުރެއެވެ. އިންޑިއާއިން 2019 ވަނައަހަރު ހަ މިލިއަން ޓަނުގެ ހަކުރު އަދި 2020 ވަނަ އަހަރު 7.2 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓް ކޮށްފައިވެއެވެ.

އިންޑިއާގައި ހަކުރު އުފައްދާ މިންވަރު ދަށްވުމާއެކު އިންޑިއާގައި ހަކުރު އެންމެ ގިނައިން އުފައްދާ ކުންފުނި ކަމަށްވާ ޝްރީ ރެނުކާ ޝުގާ ލިމިޓެޑްގެ ހިއްސާގެ އަގު ހިއްސާގެ ބާޒާރުގައި މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އިންޑިއާގައި ހަކުރު އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ ބަލްރަންޕޫރު ޗިނީ މިލްސް ލިމިޓެޑްގެ ހިއްސާގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.

ޔުކްރޭން ހަނގުރާމައާއެކު ދުނިޔޭގައި ވަނީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތަކެއް އަގުތައް އުފުލިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް