ރިސޯޓް ކުލި ކުޑަނުކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފި

ރާއްޖޭގެ ރިސޯޓެއް: ރިސޯޓް ކުލި ކުޑަނުކުރަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި --- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ސަރުކާރުން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ނަގާ ރޭޓް ބޮޑު ނުކުރަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލީގެ ރޭޓްތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ވަނީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައެވެ.

ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކުލި ބޮޑު ނުކުރުން ނިންމައިފައިވަނީ ދައުލަތަށް ލިބޭ އަމްދަނީއެއް ދޫކޮށްލާފަދަ އެއްވެސް ފިޔަވަޅެއް އެޅެން ނެތުމުން ކަމަށެވެ.

ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަންކަމަށާއި، އަދި އެންމެ ބޮޑަށް ކުރިއަރަމުންދަނީ ވެސް ފަތުރުވެރިކަން ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމު ކަމަށް އެ ބަޔާނުގައި ބުނެފައެވެ.

ފިނޭންސް މިނިސްޓްރީގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަސީލަތްތައް މަދު ޤައުމުތަކުން ލިބޭ އަމްދަނީ މެކްސިމައިޒް ކުރުން މުހިންމު ކަމަށެވެ. ދުނިޔޭގެ އިޤްތިޞާދީ ހާލަތު މެދު ރާސްތާއަށް ތަސައްވަރު ކުރެވޭ ގޮތުންނާއި، މެދުރާސްތާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2019 ވަނަ އަހަރު ހުރި މިންވަރަށް ދަށްވާނެ ކަމަށް އަންދާޒާ ނުކުރެވޭތީ، މެދުރާސްތާގައި ހުރި ފިސްކަލް ހިރާސްތައް ނުހަނު ބޮޑު ކަަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރިސޯޓްތަކުގެ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގައި ހިމެނޭއިރު، ރިސޯޓްތަކުހެ ކުލީގެ ރޭޓްތަކަށް ގެންނަ ބަދަލުތަކަކީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ މިންވަރު ދަށްވާނެ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މިކަމުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ހުރަސް އެޅޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ބިމުކުލި ކުޑަ ކޮށްފިނަމަ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެކަމަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު ވެސް ވަނީ އަންދާޒާ ކުރައްވާފައެވެ.

އެހެން ނަމަވެސް ސަރުކާރުން އިތުރު އިންވެސްޓުމަންޓުތައް ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސްފިނަމަ އިތުރު ގޮތްގޮތަށް ދައުލަތަށް އާމްދަނީ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ ރިސޯޓުތަކުގެ ކުލި ކުޑަކުރުމަކީ، ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމެއް ކަމަށާއި، އެފަދަ ކަމެއް ކުރުން މިވަގުތަށް ބުއްދިވެރިއެއް ނޫންކަމަށެވެ.

"ޔޫކްރޭން މައްސަލައާއި، އަދިވެސް މި ފަދަ ސަޕްލައި ޝޮކްތަކެއް އަންނައިރު މިކަހަލަ، ރެވެނިއު ދަށްވާ ކަމެއް ކުރުން ބުއްދިވެރިއެއް ނޫން. އެ ގައުމުން [ސްރީލަންކާ އިން] ވެސް އެކަހަލަ މައްސަލައެއް ދިމާވެގެން މިހާރު އެހެރީ އައިއެމްއެފަށް ދާ ހިސާބަށް ގޮސްފައި" ގަވަރުނަރު ވިދާޅުވިއެވެ.

comment ކޮމެންޓް