އައްޑޫގެ ދޮންދީނި ތަކަށް ކާޅުގެ ނުރައްކާ އަނެއްކާވެސް ބޮޑުވެއްޖެ

ގަހެއްގެ އޮފިގަނޑުގައި ތިބި ދެ ކާޅު --

އައްޑޫ ސިޓީ މީދޫގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް އަނެއްކާވެސް ބޮޑުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އައްޑޫގައި ހައެއްކަ ކާޅު އުޅޭ ކަމުގެ ޚަބަރު ލިބިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް އާއި ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިތުރުން އެންވަޔަރަންމެންޓް މިނިސްޓްރީ އާއެކު މިއަދު ވެސް މަޝްވަރާތައް ކުރިއަން ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކާޅުގެ އުނދަގޫ ދޮންދީނި ތަކަށް ދާއިމީ ގޮތެއްގައި ބޮޑުވާން ފަށައިފި ނަމަ، އައްޑޫ ދޫކޮށް އެ ދޫނިތައް އެހެން ސަރަހައްދަކަށް ހިޖުރަ ކުރުމުގެ ބިރު އެބައޮތް ކަމަށެވެ.

"ދޮންދީނިއަށް ހަމަލާދީ މަރާ ހުސްކުރަނީކީ ނޫން. މީގައި ވާނެ ގޮތަކީ ކާޅުގެ އުނދަގޫ އެގޮތަށް ބޮޑުވާނަމަ އައްޑޫ ދޫކޮށް، އެހެން މާހައުލަކަށް އެސޮރުމެން ހިޖުރަ ކުރާނެ. ދިރޭ އެއްޗެއްސަށް ވާގޮތަށް އެ އެސޮރުމެން، އެތަނުގައި ދިރިއުޅެން ދަތިވީމަ އެހެން ތަނަކަށް ހިޖުރަ ކުރާނެތާ،" ނިޒާރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޮންދީނި -- ފޮޓޯ: އަޒީމް ނަޖްމީ

"ކާޅު މި ހަދާ ގޮތަކީ ޅަ އެއްޗެއްސަށް ހަމަލާދީ ޅަ ދޫނިތައް ކައި އެ ސޮރުމެންގެ ހާލީގައި ހުންނަ ބިސްތައް ބޮނީ. އަދި ބޮޑެތި ދޫނި ތަކަށް ހަމަލާ ވެސް ދެނީ،"

ނިޒާރު ވިދާޅުވީ އައްޑޫގައި ކާޅު ގިނަވެ، ދޮންދީނި ތަކަށް އޭގެ ނުރައްކާ ފޯރަމުން އަންނާތީ ރައްޔިތުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ ކައުންސިލަށް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ކައުންސިލްގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް، "ސަން"އަށް ވިދާޅުވީ އެހާ މަދު އަދަދެއްގެ ކާޅު އުޅޭތީ ދޮންދީނީގެ އާއިލާ ނެތިގެން ހިނގައިދާނެތޯ، ސުވާލު އުފެދޭ ކަމަށެވެ.

"އައްޑޫ އަކީ ކާޅު އުޅޭ ރަށެއް ނޫން ކަމަށް ބުނަނީ. އެހެންވީމަ އަޅުގަނޑުމެން ޖެހޭނީ ވެރިފައި ކޮށްގެން ބަލަން އައްޑޫގައި ކާޅު ނޫޅޭތޯ. އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ޝީޝެލްސް ގައި ވެސް ކާޅާއި ދޮންދީނިއާ އުޅެމުން ގެންދާ މަންޒަރު،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެއްވެސް އެއްޗެއް މާބޮޑަށް ގިނަވެ، ޕެސްޓަކަށް ވެއްޖެ ނަމަ އެ އެއްޗެއް މަދު ކުރުމަށް ޓަކައި ކުރާންޖެހޭ ކަންކަން ކައުންސިލް ތަކަށް ކުރެވޭނެ ކަމަށެވެ.

"އޭގެ މާނަ އަކީ އެއްވެސް އެއްޗެއް ނައްތާލައި ހުސްކޮށްލުމެއް ނޫން. ރާއްޖޭގައި މި އުޅެނީ ކާޅުގެ ކޮން ވައްތަރެއްތޯ ވެސް ބަލަން އެބަޖެހޭ. ހަމަ އެކަނި ދޮންދީނި އަކަށް ނޫނެއް ނޫންތޯ ބަލަންޖެހޭނީ،" ނައީމް ވިދާޅުވިއެވެ.

ދޮންދީނި އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫންޏެވެ. އެ ދޫނި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އައްޑޫންނެވެ.

comment ކޮމެންޓް