މުޅި އެއާޕޯޓުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ފަތުރުވެރިން ތަކެއް ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި އެއާޕޯޓުން އެއް ގަޑިއިރަށް ކަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއާއެކު ކުރަމުންދާ އެންމެ ފަހުގެ މަސައްކަތް ކުރުމަށް މިއަދު ހަވީރު 05:00 އިން އިރުއޮއްސި 06:00 އަށް އެއާޕޯޓުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ރޭ ފަތިހު ވެސް މާލެއިން ކަރަންޓު ކެނޑިފައިވާއިރު މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދެ ދުވަހެއްގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ހަލާކުވެގެން ކަމަށެވެ. އަދި އެ ކޭބަލް މަރާމާތު ކުރުމަކީ ނުރައްކާ ކަމަކަށް ވާނެތީ އާ ކޭބަލެއް އަޅަން ދެ ދުވަސްވަރު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް